ސަލްމާން ޚާންގެ އާ ފިލްމު "ސިކަންްދަރު" ގެ ޝޫޓިން ނިމުމަކާ ގާތްވެއްޖެ އެވެ.
މީޑިއާތަކުން ބުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޝޫޓިން ފެށި އެކްޝަން ތުރިލާގެ ފަހު ޝެޑިއުލް ކުރިއަށް ގެންދާނީ މި މަހުގެ 10 އިން ފެށިގެންނެވެ. އެގޮތުން މި މަސް ނިމުމުގެ ކުރިން "ސިކަންދަރު" ގެ ޝޫޓިން އެއްކޮށް ނިންމާނެ އެވެ.
މި ފިލްމަކީ މި އަހަރުގެ ފިތުރު އީދުގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ އެއްޗެކެވެ. މިދިޔަ މަހުގެ 27 ގައި ފާހަގަކުރި ސަލްމާންގެ 59 ވަނަ އުފަން ދުވަހާ ދިމާކޮށް، ފިލްމުގެ ޓީޒާއެއް ވެސް ދައްކާލައިވާ އިރު، މީގެ ޑައިރެކްޓަރަކީ މަޝްހޫރު ތަމަޅަ ޑައިރެކްޓަރު އޭއާރް މުރްގަދޯސް އެވެ. އޭނަ އަކީ 2008 ގައި އާމިރު ޚާންގެ "ގަޖްނީ" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.
ސަލްމާންގެ ގާތް އެކުވެރިޔާ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް ގެނެސްދޭ "ސިކަންދަރު" ގެ ބަތަލާ އަކީ ރަޝްމިކާ މަންދަނާ އެވެ.
އިތުރު ކާސްޓުންގެ ތެރޭގައި ޝަރުމަން ޖޯޝީ، ކާޖަލް އަގަރްވާލް، ސުނިލް ޝެޓީ އަދި ޕްރަތީކް ބައްބަރް، ނަވާބް ޝާހް އަދި ސަތިއާރާޖް ހިމެނެ އެވެ.