މި އަހަރު ރިލީޒްވާ ކުރާ އަޖޭ ދޭވްގަންގެ ފުރަތަމަ ފިލްމު "އާޒާދު" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
މި މަހުގެ 17 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ އަބީޝެކް ކަޕޫރް ޑައިރެކްޓްކޮށްފައިވާ އެކްޝަން އެޑްޗެންޗާއެކެވެ. "ރޮކް އޯން" އާއި "ކައި ޕޯ ޗޭ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން އަބީޝެކްގެ އެންމެ ފަހުގެ ފިލްމަކީ 2021 ގެ ރޮމޭންޓިކް ކޮމެޑީ "ޗަންދީގަޅް ކަރޭ އާޝިގީ" އެވެ.
އޭނަގެ "އާޒާދު" އަކީ ބޮލީވުޑަށް އާ ދެ ފަންނާނަކު ވެސް ތައާރަފުކުރާނެ ފިލްމެކެވެ. އެގޮތުން މި ފިލްމުން ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަޑާނީ އާއި އަޖޭ އަށް ބޮޑުބޭބެ ކިޔާ އާމަން ދޭވްގަން ތައާރަފުވާނެ އެވެ.'
"އާޒާދު" ގެ ކާސްޓްގައި ޑަޔާނާ ޕެންޓީ އާއި ޕިޔޫޝް މިޝްރާގެ އިތުރުން މަޝްހޫރޫ ޓީވީ އެކްޓަރު މޯހިތު މަލިކް ވެސް ހިމެނެ އެވެ.
މި އަހަރު އަންނާނެ އަޖޭގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ރެއިޑް 2"، "ދޭ ދޭ ޕިޔާރު ދޭ 2" އަދި "ސަން އޮފް ސަރުދާރު 2" ހިމެނެ އެވެ. މިދިޔަ އަހަރު އޭނަގެ 5 ފިލްމެއް ރިލީޒްވި އެވެ. އެއީ "ޝައިތާން"، "މައިދާން"، "އޯރޯ މޭ ކަހާ ދަމް ތާ"، "ސިންގަމް އެގެއިން" އަދި "ނާމް" އެވެ.