މި އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެ އަށް 32،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެ އަށް ވަނީ 32،349 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 27،544 ޓޫރިސްޓުންނެވެ.
އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާ އިންނެވެ. އެއީ އެއީ 6،485 ޓޫރިސްޓުންނެވެ.
ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިޓަލީން ކަމަށްވާއިރު، އެ ގައުމުން ވަނީ 5،200 ޓޫރިސްޓުން އައިސްފަ އެވެ.
ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިނގިރޭސިވިލާތުން 2،100 ޓޫރިސްޓުން އައި އިރު ހަތަރު ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޖަރުމަނުންނެވެ. އެގައުމުން 2،000 ޓޫރިސްޓުން އައިސްފައިވެ އެވެ. ފަސްވަނައިގައި 1،127 ޓޫރިސްޓުންނާއެކު އޮތީ އިންޑިއާ އެވެ.
ރާއްޖޭގެ މިއަހަރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން މަދުވެގެން 2.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.