Last Updated: January 24, 22:48
Friday, January 24, 2025
ޚަބަރު

ޕީއެންސީގެ ފޯމުތައް ވަކިވަކިން ޗެކްކުރަން ގޮވާލައިފި

ސަރުކާރު ހިންގާ ޕީއެންސީން، މެމްބަރުން އިތުރުކުރުމަށް ހިންގި ހަރަކާތުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ހުރިހާ ފޯމުތަކެއް ވަކިވަކިން ޗެކްކުރަން އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން މިއަދު ވަނީ އޮޅުވާލައިގެން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންތަކެއް ޕީއެންސީ އަށް ވައްދާފައިވާ މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި ބައްދަލުކޮށް، މިކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

އެ ބައްދަލުވުމަށްފަހު "ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބަދުލް ސައްތާރު ވިދާޅުވީ ޕީއެންސީން މިހާރު ހުށަހަޅާފައި ހުރި ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލައި، އެ ހުރިހާ ފޯމުތައް އަލުން ވަކިވަކިން ޗެކްކުރަން އީސީގައި އެދިފައިވާނެ ކަމަށެވެ.

"މިކަން ސަމާލުކަމަށް އައީމަ، ދެން ޖެހޭނީ އެ ހުރިހާ ޕްރޮސެސްއެއް ވަރަށް ހަރުކަށިކަމާ އެކީގައި ބަލަން ޖެހޭނީ،" އަނަސް ވިދާޅުވި އެވެ.

މި ބާވަތުގެ ވަގު ފޯމުތައް ތަކުރާރުކޮށް ހުށަހަޅަނީ ކޮން ޕާޓީއަކުން އީސީ އަށް އެނގޭނެ ކަމަށާއި ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ވެސް މިގޮތަށް ކަންތައް ކުރަމުންދާ ކަމަށްްވެސް އަނަސް ވިދާޅުވި އެވެ.

ޕީއެންސީން ހުށަހެޅި ފޯމުތައް ޗެކްކުރަން އެމްޑީޕީން ގޮވާލާފައިވާއިރު، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު, އޮޅުވާލައިގެން ޕީއެންސީ އަށް ވެއްދި ކަމަށް ބުނާ މައްސަލަ މިއަދު ވަނީ ފުލުހަށް ވެސް ހުށަހަޅައިފަ އެވެ.