މޯލްޑިވިއަންގެ އާ ވައިޑް-ބޮޑީ މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފި އެވެ.
މޯލްޑިވިއަން އިން މިއަދު ރާއްޖެ ގެނެސްފައިވަނީ އެއާބަސް އޭ330 މަރުކާގެ މަތިންދާބޯޓެކެވެ. މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުން ވަނީ ބޯޓަށް ވޯޓާ ސެލިއުޓެއް ދީފަ އެވެ.
މި ބޯޓުގެ އޮޕަރޭޝަން އިފްތިތާހުކޮށްދެއްވީ ވެލާނާ އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ޖުމްލަ 264 ގޮނޑި ހިމެނޭ މި ބޯޓުގައި ތިން ކުލާހެއް ހިމެނެ އެވެ. އެއީ 18 ގޮނޑީގެ ބިޒްނަސް ކުލާސް، 36 ގޮނޑީގެ ފްރިމިއަމް އިކޮނޮމީ ކުލާހުގެ އިތުރުން 210 ގޮނޑީގެ އިކޮނޮމީ ކުލާހެވެ.
ވައިޑް ބޮޑީގެ ބޯޓުގައި އެންމެ ފުރަތަމަ ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ ޗައިނާއަށެވެ.
މީގެއިތުރުން މޯލްޑިވިއަން އިން ވަނީ އިޓަލީ އާއި އިނގިރޭސިވިލާތާއި ޖަރުމަނުގެ އިތުރުން ދެކުނު އެފްރިކާއަށް ދަތުރުތައް ފަށަން ނިންމާ ޖެނެރަލް ޕަސެންޖާ ސޭލްސް އެޖެންޓުންގެ ހިދުމަތް ހޯދަން ވެސް އިއުލާނުކޮށްފަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގައުމީ އެއާލައިނަށް ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން ތައާރަފްކުރުމުގެ މަސައްކަތަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.