Last Updated: February 5, 20:23
Wednesday, February 5, 2025
ދުނިޔެ

ކެނެޑާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ

މި ފަހުން ތަފާތު އެކި ކަހަލަ ބޮޑެތި މައްސަލަތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ލިބަރެލް ޕާޓީގެ ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އެކަމުގެ މަޝްވަރާތަކެއް އޭނަގެ ޕާޓީ، ލިބަރެލް ޕާޓީގެ އިސްވެރިންނާއި ސަރުކާރުގެ އިސް ބޭފުޅުންނާ ވެސް ކުރައްވާފައިވާ ކަމަށެވެ. އެހެންވެ މިއަދު ވެސް ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވަން ޓްރޫޑޯ ތައްޔާރަށް ހުންނެވި ކަމަށާއި ކަށަވަރުން ވެސް މި ހަފުތާގެ ތެރޭގައި އެކަމާ ގުޅޭ ގޮތުން އޭނަ ގޮތެއް ނިންމަވާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

އުމުރުން މިހާރު 53 އަހަރުގެ ޓްރޫޑޯ އަކީ ކެނެޑާގެ 23 ވަނަ ބޮޑުވަޒީރެވެ. އޭނަ އެ މަގާމަށް ވަޑައިގެންނެވީ 2015 ގަ އެވެ. އޭނަ ލިބެރަލް ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނަވާތާ 11 އަހަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޓްރޫޑޯ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ މެދު ސީރިއަސްކޮށް ވިސްނަވަން ފެއްޓެވީ ޕާޓީގެ ފަރާތުން ވެސް ޕްރެޝަރުތަކެއް ކުރިމަތިވަމުން ދިއުމާއި ޕާޓީގެ ކޯލިޝަން ބައިވެރިންތަކެއް ވެސް ވަކިވެ ދިއުމާ ގުޅިގެން ސިޔާސީ ގޮތުން ކުރިމަތިވެފައިވާ ތަފާތު އެކި ފިއްތުންތަކާ ހެދި އެވެ.

ކެނެޑާގެ އާންމު އިންތިހާބު މި އަހަރުގެ އޮކްޓޯބަރު މަހު ބާއްވާނެ އެވެ.