Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

އޮކްޓޫބަރުގައި ވައިޑް-ބޮޑީގެ ދެވަނަ ބޯޓު އުދުހެން ފަށާނެ

މި އަހަރުގެ އޮކްޓޫބަރު މަހުގައި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދެވަނަ ބޯޓުގެ އުދުހުންތައް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަންގެ އާ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފިނޭންސް މިނިސްޓްރީއާ އައިލެންޑް އޭވިއޭޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ މަރުހަލާތައް ނިމި، އޮކްޓޯބަރު މަހާ ހަމައަށް ދާއިރު ދެވަނަ ބޯޓު އުދުހެން ފަށާނެ ކަމަށެވެ.

"މިއަދު މި ފެށޭ އުދުހުންތަކުން ޗައިނާގެ ވަކި ހިސާބުތަކަށް މި ދަތުރުކުރެވެނީ. އަދި ކުރިއަށް އޮތް ތަނުގައި އެއަށްވުރެ ގިނަ މަންޒިލްތަކުން ޓޫރިސްޓުން ގެނެވޭނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވައިޑް ބޮޑީ މަތިންދާބޯޓާއެކު ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އައިލެންޑް އޭވިއޭޝަނަށް އިތުރު ކުރިއެރުންތައް ގެނެސް، އެމްއޭސީއެލްއަށް ވެސް އިތުރު ކުރިއެރުންތައް ގެނެސް ވަރަށް ގިނަ ހަރުފަތްތަކެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިރާކުރާނެ ކަމަށާއި ކުރިއަށް މިއޮތީ ތަރައްގީގެ މަސައްކަތުގެ ދުވަސްތައް ކަމަށްވެސް ވިދާޅުވި އެވެ.

މޯލްޑިވިއަން އިން މިއަދު ރާއްޖެ ގެނެސްފައިވަނީ އެއާބަސް އޭ330 މަރުކާގެ މަތިންދާބޯޓެކެވެ. މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުން ވަނީ ބޯޓަށް ވޯޓާ ސެލިއުޓެއް ދީފަ އެވެ.

ޖުމްލަ 264 ގޮނޑި ހިމެނޭ މި ބޯޓުގައި ތިން ކުލާހެއް ހިމެނެ އެވެ. އެއީ 18 ގޮނޑީގެ ބިޒްނަސް ކުލާސް، 36 ގޮނޑީގެ ފްރިމިއަމް އިކޮނޮމީ ކުލާހުގެ އިތުރުން 210 ގޮނޑީގެ އިކޮނޮމީ ކުލާހެވެ.

ވައިޑް ބޮޑީގެ ބޯޓުގައި އެންމެ ފުރަތަމަ ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ ޗައިނާއަށެވެ.

މީގެއިތުރުން މޯލްޑިވިއަން އިން ވަނީ އިޓަލީ އާއި އިނގިރޭސިވިލާތާއި ޖަރުމަނުގެ އިތުރުން ދެކުނު އެފްރިކާއަށް ދަތުރުތައް ފަށަން ނިންމާ ޖެނެރަލް ޕަސެންޖާ ސޭލްސް އެޖެންޓުންގެ ހިދުމަތް ހޯދަން ވެސް އިއުލާނުކޮށްފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގައުމީ އެއާލައިނަށް ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން ތައާރަފްކުރުމުގެ މަސައްކަތަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.