Last Updated: January 8, 10:30
Wednesday, January 8, 2025
ޚަބަރު

އީސީން ޕީއެންސީގެ ގޮތްޕެއްގެ ގޮތުގައި މަސައްކަތްކުރުން ހުއްޓާލާ

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު

އިލެކްޝަންސް ކޮމިޝަނުން ވެރިކަން ކުރާ ޕީއެންސީގެ ގޮތްޕެއްގެ ގޮތުގައި މަސައްކަތް ކުރުން ހުއްޓާލުމަށް، ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ގޮވާލައިފި އެވެ.

ހަސަން މިކަމަށް ގޮވާލާފައިމިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު, އޮޅުވާލައިގެން ޕީއެންސީ އަށް ވެއްދި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހެޅުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަސަން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތް ދެފުށް ފެންނަ، އިތުބާރު ހިފޭ ގޮތަށް ކުރަންޖެހޭ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ޕީއެންސީގެ ގޮތްޕެއްގެ ގޮތުގައި މަސައްކަތް ކުރުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި އެކަން އެހެން ނުކުރެވޭނަމަ އީސީގެ މެމްބަރުން އިސްތިއުފާ ދެއްވުމަށް ހަސަން ވަނީ ގޮވާލާފަ އެވެ.

އޮޅުވާލައިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންތަކެއް ޕީއެންސީ އަށް ވައްދާފައިވާ މައްސަލައާ ގުޅިގެން އެމްޑީޕީން އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި ބައްދަލުކޮށް، މިކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

އެ ބައްދަލުވުމަށްފަހު "ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބަދުލް ސައްތާރު ވިދާޅުވީ ޕީއެންސީން މިހާރު ހުށަހަޅާފައި ހުރި ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލައި، އެ ހުރިހާ ފޯމުތައް އަލުން ވަކިވަކިން ޗެކްކުރަން އީސީގައި އެދިފައިވާނެ ކަމަށެވެ.

"މިކަން ސަމާލުކަމަށް އައީމަ، ދެން ޖެހޭނީ އެ ހުރިހާ ޕްރޮސެސްއެއް ވަރަށް ހަރުކަށިކަމާ އެކީގައި ބަލަން ޖެހޭނީ،" އަނަސް ވިދާޅުވި އެވެ.

މި ބާވަތުގެ ވަގު ފޯމުތައް ތަކުރާރުކޮށް ހުށަހަޅަނީ ކޮން ޕާޓީއަކުން އީސީ އަށް އެނގޭނެ ކަމަށާއި ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ވެސް މިގޮތަށް ކަންތައް ކުރަމުންދާ ކަމަށްްވެސް އަނަސް ވިދާޅުވި އެވެ.