ފަށައިގަތުން
އިހުގެ ތާރީޚަކަސް ފަހުގެ ތާރީޚަކަސް ލިޔާން ފަށައިފިއްޔާ އިސާހިތަކު
އެއިން ކުރިފަޅައި އެކި މިސްރާބަށް ދަތުރުކުރާން ފަށައިފައެވެ. ނުދައްކާ
ވާހަކައިގެ ނަމުގައި އިބްރާހިމް ނާސިރު އައްޑޫ ގަން ދޮވެލި ގޮތުގެ ވާހަކަ
ލިޔާން ހަދައިގެންވެސް ވެފައިވަނީ މިކަހަލަ ގޮތެކެވެ. އެބާބު
ނިމުނުތަނުން ހިތަށް އަރައިފިއެވެ. ޕޯސްޓް ނާސިރު ޕީރިއަޑް ނުވަތަ
ނާސިރުގެ ދައުރަށްފަހު ދެން ގަމާއި އައްޑުއަށް ދިމާވި ކަންތަކުގެ ވާހަކަ
ނުލިޔެ ދޫކޮށްލައިފިއްޔާ އިންސާފަކަށް ނުވާނެއެވެ. އަދި ވާހަކަ
ފުރިހަމައެއްވެސް ނުވާނެއެވެ.
އެހެންވީމާ މިބައިގައި ލިޔާނީ 1979 އިން 2008 ގެ ނިޔަލަށް އައްޑޫ އާއި
ގަމުގައި ހިގާފައިވާ ކަންކަމުގެ ވާހަކަތަކެވެ. މިވާހަކަތައް މިލިޔަނީ
ހަމަކުޑަކޮށްވިޔަސް ސިޔާސީ ހަސަދައިގެ މިންވަރެއް ހިތުތެރޭގައި
ރައްކާކޮށް ފޮރުވައިގެން ހުރެއެއް ނޫނެވެ. ލިޔާނީ ކަން ހިގިގޮތަށް ކަޅާއި
ހުދުންނެވެ. އެހެންވިޔަސް މިވާހަކަތައް ކިޔާމީހުންނާއި ނުކިޔާ މީހުން
އެކިކަހަލަ އިލްޒާމު ބޮލުގައި އަޅުވާނެއެވެ. ބަޔަކު ބުނެފާނެ އެއްޗަކަށް
ބިރުން ނުލިޔެ ހުންނަން ވެއްޖެނަމަ ލިޔެވޭނެ ދުވަހެއް ނާންނާނެއެވެ.
މައުމޫން އައްޑޫއަށް ވަޑައިގަތުން
މައުމޫން އަބްދުލްގައްޔޫމް ރާއްޖޭގެ ރިޔާސަތަށް ވަޑައިގެންނެވީ 1978
ނޮވެމްބަރުގައެވެ. ހަމަވަޑައިގަތުމާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ
އެކިރަށްރަށަށް ވަޑައިގަތުުގެ ބުރެއް ފަށްޓަވައިފިއެވެ. މިގޮތުން
މާލަސްތަކެއް ނުވެ އައްޑޫގެ އެކި ރަށްރަށަށް ވެސް ވަޑައިގެންފިއެވެ.
މިހައި އަވަހަށް އައްޑޫއަށް ދަތުރުފުޅެއް ކުރެއްވީ ހާލަތުގެ ސިޔާސީ
ފައިދާއެއް ނެންގެވުމަށެވެ. އެއީ ރައްޔިތުން ވާވައްދައި ހުވަފެނެއްގެ
ތެރޭގައި ބޭތިއްބުމެވެ. މި ދަތުރުފުޅެއް މައުމޫން ކުރެއްވީ 1979 ގައެވެ.
އޭރު އިނގިރޭސިން އައްޑޫން ފައިބައިގެން ދިޔުމުގެ އުދާސްތަކާއި އަސަރު
ހަމަ ވަރަށް ތާޒާކޮށް ހުއްޓެވެ.
މައުމޫންގެ ދަތުރުފުޅުގައި އައްޑޫގައި މީހުން ދިރިއުޅޭ ހަ ރަށަށް
ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު
ދެއްކެވިއެވެ. ގަމަށް ވަޑައިގެން ނާސިރު ކުރައްވާފައިވާ ކަންތައް ވަރަށް
ގާތުންވެސް ބެއްލެވިއެވެ. އައްޑޫ ހަ ރަށުގައި މައުމޫން ވާހަކަފުޅު
ދެއްކެވިއިރު ފިއްޔެއްވެސް ތަފާތު ނުކުރައްވައި ތިންކަމެއްގެ ވާހަކަ
ވިދާޅުވިއެވެ.
ފުރަތަމަ ވާހަކައަކީ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފައިދާކުރާ
ތަނަކަށް ގަން ބަދަލު ކުރެއްވުމުގެ ގޮތުން އިންޑަސްޓްރިއަލް
މަސައްކަތްތަކެއް ދާދި އަވަހަށް އެރަށުގައި ފެށުމަށް ސަރުކާރުން ޚިޔާލު
ކުރާ ވާހަކައެވެ. ދެވަނަ ވާހަކައަކީ އައްޑޫ ވިލިގިލި ރިސޯޓަކަށް
ބަދަލުކޮށް ދާދި އަވަހަށް އައްޑޫގައި ޓޫރިޒަމް ތައާރަފް ކުރުމުގެ
ވިސްނުން ސަރުކާރުން ގެންގުޅޭ ވާހަކައެވެ. ތިންވަނަ ވާހަކައަކީ ނާސިރުގެ
ސަރުކާރާއި ޚިލާފަށް އާ ސަރުކާރަކީ ނަތީޖާ ނެރެ ރައްޔިތުންނަށް ދައްކާނެ
ސަރުކާރެއްކަމުގެ ވާހަކައެވެ. ނަތީޖާ ނެރުމުގެ ވާހަކައަކީ އެހާތަނަށް
ރައްޔިތުންނަށް އަޑުއިވިފައިނެތް އާ ވާހަކައެކެވެ.
ވިލިގިލި ރިސޯޓަށް ބަދަލު ކުރުމުގެ ވާހަކަ އާއި ގަން އިންޑަސްޓްރިއަލް
ޒޯނަކަށް ބަދަލު ކުރުމުގެ ވާހަކައަކީ ނާސިރުގެ ވެރިކަމުގެ ފަހު ތިން
އަހަރާއި އިނގިރޭސިން ގަމުން ފޭބުމުގެ އަހަރެއް ކުރިން ފެށިގެން ދެކެވުނު
ވާހަކަތަކާއި ކުރެވުނު ދިރާސާތަކާއި ތައްޔާރުކުރެވުނު ދެލިކޮޕީތަކުގެ
އަލީގައި މައުމޫން ދެއްކެވި ވާހަކަފުޅުތަކެކެވެ. އެހެނީ އައްޑޫއަށް
ޓޫރިޒަމް ތައާރަފް ކުރުމާއި ގަމުގެ އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުމުގެ
ޕްލޭނަކީ 1975 ގައި އިނގިރޭސިން ތައްޔާރުކޮށް ދިވެހި ސަރުކާރާއި
ހަވާލުކޮށްފައިވާ ޕްލޭނެކެވެ. ގަން އިންޑަސްޓްރިއަލް ޒޯނަކަށް ބަދަލު
ކުރުމުގެ ވާހަކައަކީ 1977 ގައި އިނގިރޭސިން އަނެއްކާވެސް
ތައްޔާރުކޮށްދިން އާ ޕްލޭނަކާއި ޕްރޮޕޯޒަލްތަކެއްގައި ހިމެނުނު
ވާހަކަތަކެވެ. މީގެ ތަފްސީލުތައް ކުރީގެ ބާބުގައި ބަޔާން
ކުރެވިފައިވާނެއެވެ.
ގާމެންޓް ފެކްޓަރީތަކުގެ ދައުރު ފެށުން
އައްޑޫ ދަތުރުފުޅުން މައުމޫން އެނބުރި މާލެ ވަޑައިގަތުމާއިއެކު ގަމުގައި
ތައްޔާރީ ހެދުން ނުވަތަ ގާމެންޓްސް ތައްޔާރުކުރާނެ ފެކްޓަރީތަކެއް ގާއިމް
ކުރުމާއި ބެހޭ ގޮތުން ހޮންކޮންގެ ހަތަރު ފަސް ކުންފުންޏަކާއި އެކު
ވާހަކަތައް ފެށުމަށް ހޮންކޮންގަށް އިލްޔާސް އިބްރާހީމް ފޮނުއްވައިފިއެވެ.
ހޮންކޮންގުގެ ކުންފުނިތަކަށް ދިވެހި ސަރުކާރުން ހުށައެޅި ހުށައެޅުމަކީ
މިއެވެ. އެއޮތީ ބިމާއި ތަނެވެ. ކަލޭމެން އެތަންތަނުގައި ފެކްޓަރީ
ހިންގަންވީއެވެ. އިމާރާތްތައްވެސް އެހެރީ ހެދިފައެވެ. ލިބޭ ފައިދާއެއްގެ
51 އިންސައްތަ އަހަރެމެންނަށެވެ. ކަލޭމެންނަށް 49 އިންސައްތައެވެ.
އަދި މިވަރަކުން ނުނިމެއެވެ. ފެކްޓަރީތަކަށް ސައްތައިން ސައްތަ
އިންވެސްޓު ކުރަން ޖެހެނީ ހޮންކޮންގުގެ ކުންފުނިތަކުންނެވެ. ތަން
ހިންގަން ޖެހެނީވެސް އެމީހުންނެވެ. ހުރިހާ ޒިންމާތަކެއް ނަގަން
ޖެހެނީވެސް އެވެރިންނެވެ. ދިވެހި ސަރުކާރުން ކުރަން ޖެހޭހާވެސް ކަމަކީ
އިދާރީ ގޮތުން ލުއި ފަސޭހަ ގޮތްތަކެއް މެދުވެރިކޮށްދިނުމެވެ. މިސާލަކަށް
ކަސްޓަމްސްގެ ޚިދުމަތް ގަމުގައި ދިނުމާއި ބޭންކިންގެ ޚިދުމަތް ފަދަ
ކަންކަން ތައާރަފް ކޮށްދިނުމެވެ.
މިވަރަށް ގުރުބާންވެގެން ގަމުގައި ފެކްޓަރީ ހަދަން ހޮންކޮންގުގެ
ކުންފުނިތަކުން އަންނާން ޖެހޭ އޮތީ އެންމެ ސަބަބެކެވެ. އެއީ މޭޑް އިން
މޯލްޑިވްސް ޖަހާފައި ޔޫރަޕާއި އެމެރިކާއަށް ގާމެންޓްސް އެކްސްޕޯޓު
ކުރުމަށް ހުޅުވިފައި އޮތް ފުރުސަތެވެ. އެންމެ ކުޑަކޮށް ތަރައްގީވެފައިވާ
ފަގީރު ގައުމުތަކަށް ޔޫރަޕާއި އެމެރިކާއިން ދީފައި އޮންނަ އިނާޔަތެއްގެ
ދަށުން ދިވެހި މިޒާތުގެ އުފެއްދުންތަކަށް ކޮންމެވެސް މިންވަރެއްގެ
ކޯޓާއެއް އޮތެވެ. ހަގީގަތުގައި ގަމުގައި ފެކްޓަރީ ހެދުމަށް ހުޅުވާލި
ފުރުސަތަކީ ބޭރު ބަޔަކަށް މިދެންނެވި ކޯޓާ ވިއްކާލުމެވެ. ސަރުކާރުގެ
ހުރިހާ ޝަރުތުތަކަށް އެއްބަސްވެގެން ގަމަށް އައީ ވާހަކަދެއްކި
ކުންފުނިތަކުގެ ތެރޭން ޑީޓެކްސް ކިޔާ ބަޔަކު އެކަންޏެވެ.
ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް ސަރުކާރުން ބުނަމުން އައީ
މިފެކްޓަރީއަކީ އައްޑުއަތޮޅުގެ ރައްޔިތުންގެ ފައިދާއަށްޓަކައި
ހިންގާގޮތަށް ސަރުކާރުގެ ދީލަތި އެހީގެ ދަށުން ހައްދަވައި ދެއްވާ
ތަނެއްކަމުގައެވެ. މިކަމަކީ އިގިރޭސިން ގަމުން ފޭބުމުން ރައްޔިތުންނަށް
ދިމާވި ދަތިކަން ހައްލު ކުރެއްވުމުގެ މަގްސަދުގައި ކުރެވުނު
ކަމެކޯލައެވެ. މިގޮތުން 21 ޖޫން 1981 ގައި ހެދުން ތައްޔާރު ކުރާ ދެ
ފެކްޓަރީއެއް ގަމުގައި ހިންގާން ފަށައިފިއެވެ. މި ދެ ފެކްޓަރީއަކީ
ސިލްވަރލައިން ގާރމެންޓްސް މޯލްޑިވްސް ލިމިޓެޑާއި ޖޭއެސްއެމް/ އެސްޓީއޯ
މޯލްޑިވްސް ލިމިޓެޑެވެ.
މި ފެކްޓަރީތަކުން ތައްޔާރުކުރާ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ
ޝާރޓްސް، ޕޭންޓްސް، ޝޯރޓްސް، ބްލައުސް، ސްކާރޓްސް، ސުވިޓަރ ފަދަ
ބާވަތްތަކެވެ. މިތަކެތި ބޭރުކުރެވެނީ އެމެރިކާ އާއި ކެނެޑާ އަދި ޔޫރަޕްގެ
ބައެއް ގައުމުތަކަށެވެ. މި ފެކްޓަރީތަކުގައި މަސައްކަތްކުރީ ގިނައިން
އައްޑޫ މީހުންނެވެ. ދެން ކޮންމެވެސް މިންވަރަކަށް ފުވައްމުލަކު
މީހުންނެވެ. ފެކްޓަރީގައި މަސައްކަތްކުރާ ދިވެހީންނަށް -/300ރުފިޔާގެ
މުސާރައެއް ދެވުނެވެ. އަދި އިތުރު ގަޑީގައި ކުރާ މަސައްކަތަށްވެސް
އޯވަރޓައިމްގެ އުސޫލުން އުޖޫރަދެވެއެވެ.
ކެއުން ބުއިމާއި ދަތުރުގެ ޚަރަދާއި ބޭސްކުރުމުގެ ޚަރަދު ކުރަންޖެހެނީވެސް
މުސާރައިންނެވެ. ގިނަ މީހުން ކެއުމަށްޓަކައި ކާތަކެތި ގެންދަންޖެހެނީ
ރަށުން ޕާރސަލް ކޮށްގެންނެވެ. މިގޮތަށް ކާތަކެތި ގެނެސްގެން ނޫނީ
ފައިސާކޮޅެއް ރައްކާ ނުކުރެވެއެވެ. ބައެއްކުދީން ކަނީ ހޮޓަލުންނެވެ.
ހޮޓަލުން ކައިއުޅޭ ކުދީން ރަށަށް ގެންދާނެ ފައިސާއެއް ނުހުރެއެވެ.
ފެކްޓަރީގައި މަސައްކަތް ކުރުމަށް އައްޑު އަތޮޅުގެ އެކި ރަށްރަށުން
އަންނަ ހުރިހާ މީހުންގެ ދަތުރު ޚަރަދު އެމީހުން އަމިއްލައަށެވެ.
ހިތަދުއާއި ހަމައަށް ބަހުގައެވެ. ހުޅުމީދޫއަށް ދޯނިފަހަރު ގައެވެ.
ދަތުރުކުރުމަށްޓަކައި ކޮންމެ މީހަކު މަހަކު 30 ރުފިޔާ އެސްޓީއޯ އަށް
ދައްކަންޖެހެއެވެ. މި 30 ރުފިޔާ ވެސް ދިނުން ދަތިވެގެން ބައެއް މީހުން
ރަށަށް ނުގޮސް އުޅެވޭތޯ ބަލައެވެ.
ފެކްޓަރީތަކުގައި މަސައްކަތް ކުރިގޮތް
އާއްމުގޮތެއްގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހެންދުނު 7:30
އިން ހަވީރު 4:30 އަށެވެ. އެއީ މެންދުރުގެ ކެއުމަށް އެއްގަޑިއިރުގެ
ބްރޭކަކަށް ފަހުގައެވެ. ގިނަ ރޭރޭ އޯވަރޓައިމްގެ ގޮތުން 10 ޖަހަންދެން
މަސައްކަތް ކުރުމަކީ މަޖުބޫރު ކަމަކަށް ވެފައި ވެއެވެ. އޯވަރޓައިމަށް
ތިބުމަށް އުޒުރުވެރި ވިޔަސް ރަށަށް ނުފޮނުވައި މަސައްކަތް ކުރަން
މަޖުބޫރު ކުރުވައެވެ. ފެކްޓަރީގައި މަސައްކަތްކުރާ ކުދީން ބަލިވުމުން
ބައިތިއްބާނެ ސިކްރޫމެއް ނުހުރެއެވެ. ކުއްޖަކު ބަލިވެއްޖެނަމަ ހަދާގޮތަކީ
ބަލި ކުދީން ދިގު ގޮނޑިއެއްގައި ނުވަތަ ފިލާގަނޑެއްގެ މަތީގައި
ބާއްވަނީއެވެ.
ބައެއްފަހަރު އަންހެން ކުދީންގެ އަތުގެ އިނގިއްޔަށް ތިނޯސް ވަދެ
އިނގިލީގެ ތެރެއަށް ބިނދި ނުވަތަ ދަގަނޑުގޮށް ޖަހާއިރު ގޮށުގެ ދެފަޅި
އިނގިލީގެ ދެފަރާތަށްޖެހި ޗިސްޗިސްވެ ލޭފައިބާ އިރު ހިތަދޫ ރީޖަނަލް
ހޮސްޕިޓަލަށް ފޮނުވެނީވެސް ވަރަށް ގިނަވަގުތު ތަކަކަށް ފަހުއެވެ.
މިގޮތަށް އިނގިލި ހަލާކުވެފައި ތިބި ކުދިން ވަރަށް ގިނަވާނެއެވެ.
ކުއްޖަކު ބަލިވެ ހާލުބޮޑުވާއިރުވެސް އެންމެ ކުޑަވެގެން މައިންބަފައިންގެ
ކާރިއަށް ފޮނުވޭނެ ފަދަ ގޮތެއްވެސް ހަމަޖެހިފައި ނުހުރެއެވެ.
މައްސަލަތަކުގެ ފެށުމާއި ބަނގަރޫޓުވުން
އެޓޯލްސް މިނިސްޓްރީގެ ސީދާ ކޮމާންޑުގެ ދަށުގައި އޮންނަ އައްޑޫ
ޑިވެލޮޕްމަންޓް އޮތީރިޓީއޭ ކިޔުނު އޮފީހެއްގެ ފިއްތުންތައް ފެކްޓަރީ
ހިންގަން ތިބި ފަރާތްތަކަށް އޮތީ ވަރަށް ބޮޑުވެފައެވެ. އެދުވަސްވަރު
އަތޮޅު އޮފީހަށްވުރެވެސް ބާރުގަދަ އޮފީހަކީ އޭޑީއޭ އެވެ. އޭރު އެޓޮލްސް
މިނިސްޓަރީ ހިންގަވަނީ އަބްދުﷲ ހަމީދެވެ. މި އޮތޯރިޓީއަކުން ކުރާކަމަކީ
ފެކްޓަރީތަކަށް ދަތިކުރުމާއި ޖެއްސުން ކުރުމެވެ.
ދިވެހިންގެ ޖޮބް ސިކިއުރިޓީއެއް ނޯވެއެވެ. ކަނޑައެޅިފައިވާ ވަކި
ގަވައިދެއް ނޯވެއެވެ. ހަމަޖެހިފައިވާ ކޮމްޕެނީ ޕޮލިސީ އެއް ނޯވެެއެވެ.
މީހުން ގެންގުޅުމުގެ ގޮތްގަނޑު އެގިފައެއް ނެތެވެ. މީހުންގެ ފަރާތުން
މަސައްކަތް ކުރުވުމުގެ ތަޖުރިބާ އެއްނެތެވެ. އަނގައިން ބުނެވޭ ކޮންމެ
ބަހަކީ ގަވައިދުތަކެވެ. ބޭކާރު ޚަރަދުތައް ގިނައެވެ. ކުންފުނީގެ މުދާ
އަމިއްލަ އެކިބޭނުންތައް ފުއްދުމަށާއި ރަސްމީ ބޭނުންތައް ފުއްދުމަށާއި
ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ވަޑައިގަތުމުން ސިއްރު ހަދިޔާ ދިނުމަށް
ބޭނުންކުރާ ތަކެއްޗަށް ބަދަލުވެއްޖެއެވެ.
1985ގެ ކުރީކޮޅުން ފެށިގެން ފެކްޓަރީއަށް ބޭނުންވާ ވަރަށް ދިވެހީން
ނުލިބުމުގެ މައްސަލަ ދިމާވެއްޖެއެވެ. އެހެންވެ ބޭރު ގައުމުތަކުން މީހުން
ހޯދަން ޖެހުނެވެ. މިގޮތުން 4 ފެބްރުއަރީ 1986ގައި ސިލޯނުން މަސައްކަތުގެ
ތަޖުރިބާ ލިބިފައިވާ 112 މީހުން ގެނެސް އެމީހުންނަށް ވަކި ޝިފްޓެއް
އުފެދުނެވެ.
އެމީހުންގެ މަސައްކަތުން ދައްކާ ނަތީޖާވެސް ހީކުރިހާ ރަގަޅެއް ނޫނެވެ.
އެމީހުންގެ ތެރޭން ތަޖުރިބާ ލިބިފައިވާ މީހަކަށް އެވްރެޖްކޮށް ދުވާލަކަށް
16 ގަމީސް ނިންމޭއިރު ތަޖުރިބާ ލިބިފައި ނުވާ ދިވެއްސަކަށް ނިންމެނީ 17
ގަމީހެވެ. ބިދޭސީންނަށް މަހަކު -/80 ޑޮލަރާއި ކެއުން ބުއިމާއި އަދި
ހުރުން ހަމަޖެހިފައިވެއެވެ. މި ދެބައި މީހުންކުރާ މަސައްކަތަކީ ހަމަ އެއް
މަސައްކަތެކެވެ. އެންމެފަހުން ބިދޭސީ މުވައްޒަފުން އިތުރުވަމުން އައިސް
ސިލޯނުގެ 600 މުއައްޒަފުންނަށް އިތުރުކުރެވުނެވެ.
ވަޒީފާ ދޫކޮށްދާމީހުން ގިނަވާން ފަށައިފިއެވެ. ހާޒިރު ނުވާމީހުން
ގިނަވާން ފަށައިފިއެވެ. މުވައްޒަފުން ހޯދުން ދަތިވާން ފަށައިފިއެވެ.
ނަތީޖާއެއްގެ ގޮތުން ކަނޑައެޅޭ މުއްދަތަށް އޯރޑަރުތަކެއް ނުނިންމެއެވެ.
ލަސްތަކެއް ނުވެ ސިލްވަރލައިން ފެކްޓަރީ ބަނގަރޫޓް ވެއްޖެއެވެ.
އެންމެފަހުން ސިލްވަރލައިނުގެ ހުރިހާ މުދަލަކާއި މުވައްޒަފުންނާއި
ހަވާލުވާން ޖޭއެސްއެމް/އެސްޓީއޯ އަށް ޖެހިއްޖެއެވެ.
ގަވައިދުން މުސާރަ ދިނުން ހުއްޓިއްޖެއެވެ. ދެމަސް ފާއިތުވެ ނިމޭއިރުވެސް
އޮންނަނީ މުސާރަ ނުދެވިފައެވެ. ބައެއްފަހަރު ފުލައިޓް ދަތުރު ނޯންނާތީ
މާލެއިން މުސާރަ ނުގެނެވިގެން ކަނޑު ބޯޓެއް ކުއްޔަށް ހިފައިގެން މުސާރަ
ނަގަން ދާން ޖެހެއެވެ. ދަގަނޑު ފޮށްޓަކަށް ފައިސާ އަޅައިގެން 3 މީހަކު
މިދަތުރުގޮސްފައި އައުމުން ލިބޭނީ ވެސް އެއްމަސްދުވަހުގެ މުސާރައެވެ.
އަނެއް މަހުގެ މުސާރައެއް ނުލިބޭނެއެވެ. ބޭންކް އޮފް މޯލްޑިވްސްގެ
ބްރާންޗެއް ގަމުގައި ހުޅުވިފައި ހުންނައިރުވެސް އެ ބޭންކުން މިފައިސާ
ލިބޭގޮތް ހަމަޖެހިފައި ނުހުރެއެވެ.
ލަސްތަކެއް ނުވެ ޖޭއެސްއެމް/އެސްޓީއޯ ވެސް ބަގަރޫޓު ވެއްޖެއެވެ.
ސަބަބުތައް ގިނަގުނައެވެ. ފެކްޓަރީން އޭޑީއޭއަށް ދައްކަން ޖެހޭ ބިމުގެ
ކުލި ވަނީ ބޮޑުވެފައެވެ. އޯޑަރުތައް ނިމުން ލަސްވެ އޯޑަރުތައް ކެންސަލް
ވަމުން ދިޔައެވެ. ފެކްޓަރީގެ އިސް މަގާމު ތަކުގައި ތިބި މީހުން ވަޒީފާ
ދޫކޮށް ދާން ފެށިއެވެ. ފެކްޓަރީގެ މުދާތަކާއި މެޝިނަރީޒް ވިއްކަން
ފެށުނެވެ. މިވިއްކުމެއް ވިއްކީ ބިމު ކުއްޔާއި މުސާރަ ހޯދުމުގެ
ނަމުގައެވެ. މިކަމުގައި އިސްވެ އޮތީ ސަރުކާރެވެ. މެޝިނަރީޒް ތަކާއި
ފިނިޝިން ގާރމެންޓްސްތަކުގެ އިތުރުން މިތާގެ ބައެއް ސާމާނުތައް
ވިއްކާލެވުނީ މުވައްޒަފުންގެ މުސާރަދިނުމުގެ ނަމުގައި ކަމަށްވިޔަސް
ފެކްޓަރީގައި މަސައްކަތްކުރި ގިނަ މީހުންނަށް އެބުނާ މުސާރައެއް
ނުލިބެއެވެ.
ބެންކޮކުކަމުގައި އައްޑޫ ބަލަން ފެށުން
ފެކްޓަރީތަކަށް މަސައްކަތު ދަނީ ގިނައިން އަންހެން ކުދިންކަމުގައިވެފައި
އެކުދިންގެ ނިކަމެތި ހާލާއި އަތޮޅުގެ އިގްތިސާދީ ދެރަވަރުކަމުގެ ނާޖާއިޒު
ފައިދާ ނަގައިގެން މާލެއިން ވަޑައިގަންނަވާ ބޭފުޅުން ހިތްޕުޅުވާހާ
ގޮތަކަށް ކަންތައް ކުރެއްވުން އޮތީ އާއްމުވެފައެވެ. އެއީ ފެކްޓަރީތަކުގެ
އަސާސީ ސިފައަކަށްވެސް އޮތީ ވެފައެވެ. އޭޑީއޭގެ ގާޑުން މެދުވެރިކޮށް
ކުދިން ކިޑްނެޕްކޮށްގެންވެސް ވަގުތީ އުފާ ހޯދުން އޮވެއެވެ.
އަންހެންކުދީންގެ ކަންތަކަކީ މާލެއިން ވަޑައިގަންނަވާ މެހުމާނުންނަށް
ލިބޭ އުފަލެއްކަމުގައިވެއެވެ. ދުވާލާއި ރޭގަނޑު ބުރަކޮށް މަސައްކަތް
ކޮށްފައި ކެއުމަށްޓަކައި ބޭރަށް ނިކުންނަ ވަގުތުތަކުގައިވެސް ބާޒު ފިއޮއް
ޖަހައިގަންނަ އުސޫލުން މިކުދީން ޖަހައިގަނެގެންގޮސް ތަންތަނަށް
ވައްދައެވެ. ގަމަށް ޒިޔާރަތްކުރައްވާ މެހުމާނުންނަށް ވެދުމަށް އެރުވުމަށް
މިފަދަ ޝިކާރަކުރުންތަކުގެ ޗީފް ކޮމާންޑަރަކީ އޭރު އޭޑީއޭ ގާރޑުންގެ
އިސްމީހާ އެވެ. ނަމެއް ނުލިޔާނަމެވެ.
މާލެއިން ވަޑައިގަންނަވާ ބޭފުޅަކު އަންހެން ކުއްޖަކު ބޭނުންވެއްޖެނަމަ
ސިލެކްޓްކުރުން ހަމަޖެހިފައި އޮންނަގޮތަކީ ފެކްޓަރީއަށް ބޭނުންވަނީ
ކޮންކަމެއްތޯ އާއި ތަރައްގީއަށްޓަކައި އިތުރަށް ކުރަންވީ ކޮންކަމެއްތޯ
ބެލުމުގެ ނަމުގައި ފެކްޓަރީއަށް ދާނެއެވެ. މިގޮތުން ދާނީ އެކަމަށް ޚާއްސަ
ކުރެވިފައިވާ ޓީމަކާ އެކުއެވެ. ފެކްޓަރީއަށް ވަދެ މަސައްކަތްތައް
ބަލަމުންދާއިރު ފެކްޓަރީގެ ތެރެއިން ގޮވާއަޑު އިވޭނެއެވެ. މުސާރަ
ބޮޑުކުރަން ސަރުކާރުން ވަޑައިގެންފިއެވެ. މިޓީމުން ފެކްޓަރީގައި ކުރާ
މަސައްކަތް ބަލަމުންގޮސް ކަމުދާކުއްޖަކާ އަރާހަމަވުމުން މެހުމާނު އޭނާ
ހިތްހަމަޖެހޭ ކުއްޖާގެ ކުރިމަތީގައި މަޑުކުރާނެއެވެ. އަދި އެކުއްޖަކު
ނިންމާފައިވާ ތަކެތިން އެއްޗެއް ނަގާފައި ބުނާނެއެވެ. މަސައްކަތް ވަރަށް
ރީއްޗެވެ. ދެން އެއޮތީ އެކުއްޖަކު ސިލެކްޓްވެފައެވެ.
ވިލިގިލި ރިސޯޓާއި ޓޫރިޒަމް
މައުމޫން 1979 ގައި އައްޑޫގައި ވިދާޅުވެފައި އޮތީ ދާދި އަވަހަށް ވިލިގިލި
ރިސޯޓަކަށް ބަދަލު ކުރެވޭނެ ކަމަށާއި ޓޫރިޒަމް ތައާރަފްކޮށް ނަތީޖާ ނެރެ
ދައްކާނެ ކަމަށެވެ. އެކަމަކު ދޭތެރެ ދޭތެރޭން ވިލިގިލި ބިޑަށް ލުން
ފިޔަވައި މައުމޫނުގެ ތިރީސް އަހަރުގެ ދިގު ވެރިކަމުގައި އިތުރު
ކުރިއެރުމެއް ނުދެއްކެއެވެ. އިތުރު ނަތީޖާއެއް ނުދެއްކެއެވެ. މައުމޫންގެ
ވެރިކަމުގެ ފަހުކޮޅު ޝަންގްރިލާ ކިޔާ ބަޔަކަށް ވިލިގިލި ދީގެން އެރަށް
ހެދުމުގެ މަސައްކަތް ކިރިޔާ ފެށުނީ އެންމެ ފަހު ދައުރުގައެވެ.
ވިލިގިލި ރިސޯޓެއްގެ ގޮތުގައި ހުޅުވުނީ މައުމޫނުގެ ވެރިކަން ނިމުނުތާ
އަހަރެއް ފަހުން 2009 ޖުލައި ގައެވެ. އޭރު ވިލިގިލީގެ ހުވަފެން އައްޑޫ
ރައްޔިތުން ދެކޭތާ ތިރީސް އަހަރުވެއްޖެއެވެ. އެ ހުވަފެން
ހަގީގަތަކަށްވޭތޯ އިންތިޒާރު ކުރި އެތައް ބަޔަކު ނިޔާވެގެން
ހިގައްޖެއެވެ.
ވިލިގިއްޔަށްވުރެ ކުރިން ހެރެތެރެ ރިސޯޓެއްގެ ގޮތުގައި ހުޅުވުނެވެ.
ހެރެތެރޭގެ އޮޕަރޭޝަން ފެށުނީ 2007 ގެ ޑިސެމްބަރުގައެވެ. އެކަމަކު
ރަސްމީގޮތުން ހުޅުވުނީ 2008 ގެ ޖެނުއަރީގައެވެ. މިކަން ހިގާފައި އޮތީ
މައުމޫނުގެ ވެރިކަމުގެ އެންމެ ފަހު އަހަރުއެވެ. އެވަރުވެސް ކުރީ އައްޑޫ
ޓޫރިޒަމުގެ ކަންތައް ސިޔާސީ ބޯޅައަކަށް ވުމުންނެވެ. ހެރެތެރެ
ހަދާފައިވަނީ އެމްޓީޑީސީ ކިޔާ ކުންފުންޏެއް ހަދައިގެން އާއްމުންނަށް
ހިއްސާ ވިއްކައިގެންނެވެ. އެހެންކަމުން މިކަމަކީ ސަރުކާރުން
ޚަރަދުކޮށްގެން ކުރި ކަމަކަށްވުރެ އާއްމުންގެ ޖީބުން ކުރި ޚަރަދެކެވެ.
ހެރެތެރެ ހަދާކަށް ސަރުކާރުގެ ބައިތުލްމާލުން ހޭދަކުރި މާބޮޑު މިންވަރެއް
ނެތެވެ.