އިންޑިއާގެ މަޝްހޫރު ކަންނާޑާ އެކްޓަރު ޔާޝްގެ އާ ފިލްމު "ޓޮކްސިކް" ގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައި މާދަމާ ފިލްމުގެ ޓީޒާއެއް ގެނެސްދޭނެކަން އިއުލާންކޮށް އެވެ.
މި އަހަރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ އިންޑިއާގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އެޕްރީލް 10 ގަ އެވެ. ދެހާސް ތޭވީހުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާންކޮށް، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފެށި "ޓޮކްސިކް" ގެ ޑައިރެކްޓަރަކީ ގީތޫ މޯހަންދާސް އެވެ.
ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައި ނުވާ އިރު، މީގެ ކާސްޓްގައި ކިއާރާ އަދުވާނީ، ތާރާ ސުތާރިއާ، ނަޔަންތަރާ އަދި އަކްޝޭ އޮބެރޯއީ ހިމެނެ ކަމަށް މީޑިއާތަކުން ބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ނަޔަންތަރާ "ޓޮކްސިކް" ގެ ރޯލަކަށް ނެގީ ކުރިން އެ ރޯލު ދިން ކަރީނާ ކަޕޫރް ފަހުން ފިލްމު ދޫކޮށްލުމާ ގުޅިގެންނެވެ.
އަޑުއަރާފައިވާ ގޮތުން މި ފިލްމުގެ ހާއްސަ ފެނިލުމެއްގައި ޝާހްރުކް ޚާން ވެސް ހިމެނޭނެ އެވެ.
ޔާޝްގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ކޭޖީއެފް: ޗެޕްޓާ 2" އެވެ. އޭނަ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ރަންބީރް ކަޕޫރާ އެކު ޑައިރެކްޓަރު ނިތޭޝް ތިވާރީ ދެ ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ "ރާމާޔަން" ހިމެނެ އެވެ.