ސިއްހީ ދާއިރާ އަށް މިހާރު އަންނަމުންދާ ކުރިއެރުންތަކާ އެކީ ރާއްޖޭގައި ކުރެވޭ އޮޕަރޭޝަންތައް ވެސް އިތުރުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2022 ރާއްޖޭގައި 16،089 އޮޕަރޭޝަން ކުރި އިރު، 2023 ގައި އެ އަދަދު 20،593 އަށް އަރާފައިވެއެވެ. މިއީ 28 އިންސައްތައިގެ ކުރިއެރުމެކެވެ.
އެގޮތުން މާލެ. ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް، 2023 ގައި 16،163 އޮރޭޝަންކުރި އެވެ. މާލެ ސަރަހައްދު ފިޔަވައި ދެން އެންމެ ގިނަ އޮޕަރޭޝަން ކުރެވުނީ އައްޑޫގަ އެވެ. އެ ސިޓީގައި 1،031 އޮޕަރޭޝަންކުރި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ރާއްޖޭގައި ކުރި އޮޕަރޭޝަންތަކުގެ 71 ޕަސެންޓަކީ ޓާޝަރީ ހޮސްޕިޓަލްތަކުގައި ކުރި އޮޕަރޭޝަންތައް ކަމަށެވެ.
އޮޕަރޭޝަންތަކަށް ބަލާ އިރު، 2023 ގައި 10،301 ފިރިހެނުން އޮޕަރޭޝަންކޮށްފައިވެ އެވެ. އަދި 10،292 އަންހެނުން އޮޕަރޭޝަންކޮށްފައިވެ އެވެ. މީގެ ތެރެއިން ކާޑިއޯވެސްކިއުލާ އޮޕަރޭޝަންތަކުގެ 76 ޕަސެންޓަކީ ފިރިހެނުންގެ އޮޕަރޭޝަންތަކެވެ. އޮޕަރޭޝަންތައްކޮށްފައި އުމުރާފުރާ އުޅެނީ 35-64 އަހަރާ ދެމެދުގަ އެވެ. އަދި ކުއްލި ހާލަތުގައި ކުރި އޮޕަރޭޝަންތަކުގެ ތެރެއިން 63 ޕަސެންޓް އޮޕަރޭޝަންކޮށްފައި ވަނީ ފިރިހެނުންނެވެ.
އަމިއްލަ ހޮސްޕިޓަލްތަކުން ކުރާ އޮޕަރޭޝަންތައް ވެސް އިތުރުވަމުން އަންނަ އިރު، 2023 ގައި އެފަދަ ތަންތަނަނުގައި ކުރި އޮޕަރޭޝަންތަކުގެ ނިސްބަތް 47 ޕަސެންޓަށް އަރަ އެވެ. އޭގެ ތެރޭގައި ނިއުރޯސަޖަރީ އާއި ޑާމެޓޮލޮޖީ ހިމެނެ އެވެ.
މުޅި ރާއްޖޭގައި ކުރި އޮޕަރޭޝަންތަކުގެ 17 ޕަސެންޓަކީ އަތޮޅު ހޮސްޕިޓަލްތަކުގައި ކޮށްފައިވާ އޮޕަރޭޝަންތަކެވެ.