Last Updated: February 5, 20:23
Wednesday, February 5, 2025
މުނިފޫހިފިލުވުން

ފިލްމެއް ނެތި ކެޓްރީނާ 'ހުސްއަތާ'

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް މި ވަގުތު ހުރީ އެއްވެސް ފިލްމެއް ނެތި މަސައްކަތްތަކާ މުޅިން ދުރުގަ އެވެ. މި ފަހުން އޭނަ އެއްވެސް ފިލްމަކަށް ސޮއި ވެސްކޮށްފައެއް ނުވެ އެވެ. އަދި މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އޭނަ ސޮއިކުރި ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ "ޖީ ލޭ ޒަރާ" އޮތީ ވާނުގަ އެވެ.

އަންހެން ތިން އެކުވެރިއެއްގެ ރޯޑް-ޓްރިޕް އެ ފިލްމުގެ ކާސްޓްގައި ކެޓްރީނާގެ އިތުރުން އާލިއާ ބަޓާއި ޕްރިޔަންކާ ޗޯޕްޅާ ވެސް ހިމެނެ އެވެ.

ނަމަވެސް "ޖީ ލޭ ޒަރާ" އަކީ މިހާތަނަށް އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް އޮތް ފިލްމެކެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ކެޓްރީނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި "މެރީ ކްރިސްމަސް" އެވެ. އޭގެ ފަހަކުން އޭނަގެ އެއްވެސް ފިލްމެއް ބެލުންތެރިންނާ ހަމައަށް ނާންނާތީ ފޭނުން ވެސް ތިބީ މާޔޫސްވެފަ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ފަހުން ކެޓްރީނާ އަށް އެއްވެސް ފިލްމެއް އޮފާކުރި ވާހަކައެއް އަދި ފިލްމަކަށް ސޮއިކުރި ވާހަކައެއް ވެސް ނުދެކެވޭކަމެވެ.

މި ސަބަބާ ހުރެ 41 އަހަރުގެ ބަތަލާ ފިލްމީ ކެރިއަރު މި ވަގުތު އޮތީ ހުއްޓިފަ އެވެ. ނަމަވެސް އޭނަގެ ފިރިމީހާ އަދި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އެކްޓަރު ވިކީ ކޯޝަލް އަކީ މިހާރު ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރުންގެ ތެރެއިން އެކެކެވެ. މިދިޔަ އަހަރު އެންމެ ޓްރެންޑްވި ބޮލީވުޑްގެ ލަވަ ކަމަށްވާ ފިލްމު "ބޭޑް ނިއުސް" ގެ "ތޯބަ ތޮބާ" ލަވައިން ހިތްގައިމު ނެށުންތަކެއް ވެސް ދައްކުވައި ދިން ވިކީ މިހާރު އަންނަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ގެ މަސައްކަތް ކުރަމުންނެވެ. އަދި ވިކީގެ "ޗާވާ" މިހާރު އޮތީ ރިލީޒްކުރަން ތައްޔާރީގަ އެވެ.

އެ ފިލްމު އުފެއްދި މެޑޮކް ފިލްމްސްގެ އިތުރު ފިލްމަކަށް ވެސް ހުނަރުވެރި އެކްޓަރު ދާދި ފަހުން ސޮއިކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ބޮލީވުޑްގެ އެންމެ ބޮޑު ހިޓް ކަމަށްވާ "އިސްތިރީ 2" ގެ ޑައިރެކްޓަރު އަމަރް ކޯޝިކް ހަދަން ހަމަޖެހިފައިވާ "މަހާވަތުރް" އެވެ.

ކެޓްރީނާ އަކީ އެކްޓިން އަށް މޮޅު ބަތަލާއަކަށް ނުވިޔަސް، ނެށުންތެރިއެއްގެ ގޮތުގައި ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގެންފައިވާ ތަރިއެކެވެ. އޭނަގެ ފިލްމުތަކުގައި ނެށުމުގެ ހުނަރު ދައްކާލައިގެން މަގުބޫލު އެތައް ލަވައެއް ހިމެނެ އެވެ. އެހެންވެ އަދިވެސް ކެޓްރީނާގެ ނެށުމާއި އޭނަގެ ރީތިކަން ސްކްރީކުން ދެކިލަން ބޭނުންވާ މީހުން ތިބީ ކެޓްރީނާގެ އާ ފިލްމެއްގެ އިންތިޒާރުގަ އެވެ.

ވިކީއާ 2021 ގައި ކައިވެނި ކުރި ފަހުން މި ޖޯޑު ސްކްރީނުން އެކީގައި ދެކިލުމުގެ ޝައުގުވެރިކަން ވެސް އެތައް ބަޔަކު މިހާތަނަށް ފާޅުކޮށްފައިވެ އެވެ. ކެޓްރީނާ އާއި ވިކީ އަދި މިހާތަނަށް އެއްވެސް ފިލްމެއްގައި އެކީގައި މަސައްކަތްކޮށްފައެއް ނުވެ އެވެ.

އެހެންވެ މި ދެމަފިރިން އެކީގައި ބޮޑު ސްކްރީނުން ބަލާލަން ކެތްމަދުވެފައި ތިބި މީހުން ބައިވަރެވެ.