އަލަތު ދަރިފުޅު ވިހެއުމަށް ފަހު އިންޑިއާގެ މަޝްހޫޜު ބަތަލާ ދީޕިކާ ޕަދްކޯން އަލުން ފިލްމީ މަސައްކަތްތަކަށް އެނބުރި އަންނަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެކްޓަރު ރަންވީރު ސިންގުގެ އަންހެނުން ވިހެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ. އެ މީހުންނަށް ލިބުނީ އަންހެން ކުއްޖެކެވެ. ވިހެއި ފަހުން މިހާރު އެކިއެކި އިވެންޓްތަކުބް ވެސް ފެންނަ ދީޕިކާ އަލުން ފިލްމީ މަސައްކަތްތަކަށް ނުކުންނަ އިރު، އެންމެ ފުރަތަމަ މަސައްކަތް ފަށާނީ މިދިޔަ އަހަރު ރިލީޒްކުރި "ކަލްކީ 2898 އޭޑީ" ގެ ސީކްއެލްގެ މަސައްކަތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ތެލެގޫ އެކްޓަރު ނާގް އަޝްވިން މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު ހުރާފީ ސައިންސް ފިކްޝަން ފިލްމުގެ ދެވަނަ ބައިގެ ތައްޔާރީތަކަށް މިހާރު ވަމުން އަންނަ ކަމަށެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މީގެ ފުރަތަމަ ބައިގެ ޝޫޓިންގެ ތެރޭގައި ދެވަނަ ބައިގެ ވަރަށް ބޮޑު ބައެއް ވެސް ޝޫޓް ވެސްކޮށްފައިވާކަމެވެ.
އެހެންވެ ކުރިއަށް ދެން އޮތީ ބާކީ ހުރި މަންޒަރުތަކެވެ. އެކަމަށް ތައްޔާރުވަމުން އަންނަނީ "ކަލްކީ" ޓީމުން ވަނީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ކަލްކީ 2989 އޭޑީ" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ޕްރަބާސް އާއި ދީޕިކާ އާއި އަމީތާބް ބައްޗަނާއި ޑިޝާ ޕަޓާނީގެ އިތުރުން ކަމަލް ހަސަނެވެ.
"ކަލްކީ" ގެ އިތުރުން މިދިޔަ އަހަރު ދީޕިކާގެ އިތުރު އެހެން ފިލްމެއް ވެސް ރިލީޒްކުރި އެވެ. އެއީ ރިތިކް ރޯޝަނާ އެކީ ކުޅުނު އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" އާއި ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ސިންގަމް އެގެއިން" އެވެ.
މި މަހުގެ 5 ވަނަ ދުވަހު 39 އަހަރު ފުރުނު ދީޕިކާގެ ފިރިމީހާ ރަންވީރް މިހާރު އަންނަނީ ޑައިރެކްޓަރު އަދިތިޔާ ދާރްގެ "ދުރަންދާރު" ގެ މަސައްކަތް ކުރަމުންނެވެ.