Last Updated: May 7, 20:19
Wednesday, May 7, 2025
ޚަބަރު

ރޯދައަށް ހުރިހާ ރަށެއްގެ ކަރަންޓު މައްސަލަ ހައްލުކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ރޯދަ މަހަށް ހުރިހާ ރަށެއްގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގދ. ފިޔޯރީ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކަރަންޓުގެ މައްސަލައަކީ ހުރިހާ ރަށެއްގައި ވެސް ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް ކަމަށާއި އެގޮތުން ރޯދަ މަސް އަންނަންވާ އިރަށް، ހުރިހާ ރަށެއްގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޖަނެރޭޓަރުތައް ގެނެސްދީ އިންސްޓޯލްކޮށް ނިންމުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި މަސައްކަތް ކުރަނީ ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ބައެއް ކުންފުނިތައް ގުޅިގެން ކަމަށާއި މިއީ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ދެ މަސްތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ރަމްޟާން މަހު ތިބޭފުޅުން ކަންބޮޑުވާން ނުޖެހޭ ފެންވަރަށް މި ކަރަންޓުގެ މައްސަލަ ހައްލުކުރުމަކީ އަޅުގަނޑުމެން އަމާޒު ހިފި ކަންތައް. އިރާދަކުރެވިއްޔާ އަޅުގަނޑުމެން ބަލާނަން ތިބޭފުޅުން ހިތްހަމަޖެހޭ ގޮތަށް ކޮށްދެވޭތޯ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ހުރިހާ ކަމަކީ ވެސް ހަރަދުތައް ހިނގާ ކަންކަން ކަމަށާއި މިދިޔަ އަހަރު ނިންމާލީ ބޮޑު އަނދަވަޅެއްގެ ތެރޭގައި އޮތް ހާލަތަކުން އަރައިގެން ކަމަށެވެ. އެގޮތުން އިގްތިސާދު ނަގާ ކޮޅަށް ޖަހައި ތަރައްގީގެ މަސައްކަތްތަކަށް ސަރުކާރުން ތައްޔާރުވީ އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށް ކަމަށާއި، މިއަހަރު ވެގެންދާނީ ތަރައްގީގެ މަސައްކަތްތަކުގެ އަމަލީ އަހަރަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ 1ކޮމެންޓް

ސާހިބާ

ރަށްރަށުގެ ކަރަންޓިގެ މައްސަލަ ހައްލުވެގެން ދާއިރު އެއްވެސް ސިޓީއެއްގެ އަވަށެއްގެ ވާހަކައެއް ނެތެވެ. ވީމާ ސިޓީތަކުގެ އަވަށްތަކުން ލިބޭނީ ނިވިދިއްލޭ ކަރަންޓެވެ.