Last Updated: April 21, 15:53
Monday, April 21, 2025
ޚަބަރު

ފިޔޯރީ މަސްކިރާ ފެކްޓްރީ އަޅަން ޗައިނާ ކުންފުންޏަކަށް

ގދ. ފިޔޯރީގައި މަސްކިރާ ފެކްޓްރީއެއް ޤާއިމުކުރުމަށް އަންނަ މަހު ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގދ. ފިޔޯރީ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ފިޔޯރީ މަސްވެރިން ބާނާ މަސް ކިރަން ކޫއްޑޫއަށް ކުރަންޖެހޭ ތަކުލީފު ބޮޑު ދަތުރަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ ފެބްރުއަރީ މަހު ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރާ އެއްބަސްވުމުގެ ދަށުން، 3000 ޓަނުގެ މަސްކިރާ ފެކްޓްރީއެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް، ސޮއިކުރާތާ ދެ ހަފުތާ ތެރޭ ފަށާނެ ކަމަށެވެ.

ފިޔޯރީގައި ޤާއިމުކުރާ މަސްކިރާ ފެކްޓްރީ ވެގެންދާނީ، ދުވާލަކު 100 ޓަނުގެ ދަޅުމަސް ބަންދުކުރެވޭ، 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ހުންނަ، އަދި 50 ޓަނުގެ އައިސް ޕްލާންޓެއް ހިމެނޭ ކާރުޚާނާއަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ފިޔޯރީގެ ކަމާ ގުޅޭ އިދާރާތަކުން ހިއްސާކުރެއްވި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން، ސްކޫލް ހޯލު އަލުން އެޅުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމަށާއި، މި އަހަރު މަލްޓިޕަރޕަސް ހޯލެއް ބިނާކުރައްވައި، ކްލާސް ރޫމާއި ލެބް ޤާއިމުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އޭޓީއެމްގެ މައްސަލައަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ، އޭޓީއެމް ވަޢުދު ފުއްދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއަހަރުގެ ބަޖެޓުގައި އެކަށައަޅާފައިވާ އިސްކަންދޭ ތަރުތީބުގެ ތެރެއިން، ސްކޫލްގެ މައްސަލަތަކާއި، ކުނި ނައްތާލުމުގެ ނިޒާމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.