Last Updated: February 5, 16:59
Wednesday, February 5, 2025
ކުޅިވަރު

އާސެނަލް ބަލިކޮށް ނިއުކާސަލް ފައިނަލާ ގާތަށް

އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ނިއުކާސަލް ޔުނައިޓެޑުން އާސެނަލް އަތުން 2-0 އިން މޮޅުވެ، ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ނިއުކާސަލް ދަނޑުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ނިއުކާސަލަށް ލީގު ކަޕް ފައިނަލުގެ ފުރުސަތު ހޯދޭނެ އެވެ. އެ ޓީމުން އެންމެ ފަހުން ލީގު ކަޕް ފައިނަލެއްގައި 2023 ވަނަ އަހަރު އެވެ. އެ ފަަހަރު މެންޗެސްޓާ ޔުނައިޓެޑް އަތުން ވީ ބައްޔެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ކުރީކޮޅު އާސެނަލަށް ލީޑު ނަގައިދޭން ގެބްރިއަލް މާޓިނެއްލީ އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. ނިއުކާސަލުން ލީޑު ނެގީ މެޗުގެ 37 ވަނަ މިނެޓްގައި އެލެގްޒެންޑާ އިސާކްގެ ގޯލުންނެވެ.

ދެވަނަ ހާފްގެ ކުރީކޮޅު އެންތޮނީ ގޯޑަންގެ ގޯލުން ނިއުކާސަލުން ވަނީ ދެވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. ދެވަނަ ހާފުގައި ނަތީޖާގެ ފަރަގު ކުޑަކޮށްލަން އާސެނަލަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ. އެގޮތުން އާސެނަލްގެ ފޯވާޑް ކައި ހަވެޓްޒް އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.

ލީގު ކަޕް ސެމީ ފައިނަލް ދެ ވަނަ މެޗުގެ ފުރަތަމަ ލެގުގައި މިރޭ ޓޮޓެންހަމުން އަމިއްލަ ދަނޑުގައި ލިވަޕޫލްއާ ދެކޮޅަށް ނުކުންނާނެ އެވެ.