Last Updated: February 5, 17:44
Wednesday, February 5, 2025
ޚަބަރު

ގޭބިސީއަކަށް އެއް ހަމަޔަކުން ހިދުމަތް ދޭން ލާޒިމުކުރާ ބިލެއް

މުޅި ގެއަށް ފެނާއި ނަރުދަމާ އާއި ކަރަންޓު އަދި އިންޓަނެޓް ދޭން އިތުރު އަގެެއް ނުނެގޭ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިިފި އެވެ.

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އޭނަ ހުށަހެޅުއްވި ބިލުގައި ބުނީ ރާއްޖޭގައި ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް މިހާރފު ދެނީ މޮނޮޕޮލީއެއްގެ ދަށުން ކަމަށްވާތީ އިންޓަނެޓްގެ ހިދުމަތް ދޭ މައިގަނޑު ދެ ކުންފުނީގެ މެދުގައި ވެސް އެދެވޭ ވާދަވެރިކަމެއް ނެތުމުން، ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގު އެދެވޭ ގޮތުގައި ހިމާޔަތް ނުކުރެވޭ ކަމަށެވެ. އެހެންވެ ގޭބިސީއަކަށް ހިދުމަތް ފޯރުކޮށް ދިނުމަށް ފަހު އެ ގޭބިސީއެއްގެ އެހި ހިސާބުތަކަށް އެދެވޭ ގޮތުގައި ހިދުމަތް ލިބިގަތުމުގައި އިތުރު ތަކުލީފާއި ހޭދަކުރަން ޖެހޭތީއާ އެކު އެކަންކަން ހައްލުކުރުމުގެ ބޭނުމުގައި ބިލު ހުށަހެޅީ ކަމަށް ބުނެފައިވެ އެވެ.

ބިލުގައިވާ ގޮތުން ގޭބިސީއަކަށް ފޯރުކޮށްދޭ ހިދުމަތްތައް އެ ގޭބިސީއެއްގެ ހުރިހާ ހިސާބަކަށް އެއް މިންވަރަކަށް އެއް ބާރުމިނެއްގައި އަދި އެއް ހަލުވި މިނެއްގައި ފޯރުކޮށް ދޭން ވާނެ އެވެ. އަދި އެ ހިދުމަތްތައް ފޯރުކޮށް ދިނުމުގެ ބޭނުމުގައި އެ ގޭބިސީތަކުން އިތުރު ފީއެއް ނެގުމަކީ މަނާ ކަމެކެވެ.

މީގެ އިތުރުން ހިދުމަތްދޭ ފަރާތްތަކުން އެ ގަވައިދާ ހިލާފުވެއްޖެ ނަމަ ކޮންޒިއުމާ އޮމްބަޑްސްޕާސަން އަށް މައްސަލަ ހުށަހެޅުމާއި ގަވައިދާ އެއްގޮތަށް ހިދުމަތް ފޯރުކޮށް ދިނުމުގެ އަމުރަކަށް އެދި ޝަރުއީ ކޯޓަށް ހުށަހަޅައި ބަދަލު ހޯދަން އެދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.