Last Updated: February 5, 20:03
Wednesday, February 5, 2025
ދުނިޔެ

އަވަށެއްގެ މީހުން "ބަލިވުން މަނާކޮށްފި"!

އިޓަލީގެ އަވަށެއްގެ ރައްޔިތުންގެ "ބަލިވުން މަނާކޮށްފި" އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މޭޔަރު އެންޓޯނިއޯ ޓޯޝިއާ ނެރުއްވި ގަރާރަކުން ރައްޔިތުން "ބަލިވުން މަނާކޮށްފައި" ވަނީ އިޓަލީގެ އެންމެ ދެކުނުގައި ހިމެނޭ ކަލަބްރިއާ ސަރަހައްދުގެ ބެލަކާސްޓްރޯ އަވަށުގެ ރައްޔިތުންނެވެ. އިޓަލީގެ އެންމެ ފަގީރު ހިސާބުގަނޑަށް ނިސްބަތްވާ އަވަށުގެ ރައްޔިތުން "ބަލިވުން މަނާކޮށް" ނެރުއްވި ގަރާރުގައި ބުނީ "ކުއްލި ހާލަތުގައި ފަރުވާ ބޭނުންވެދާނެ ފަދަ ބަލިތައް ޖެހިދާނެ ކަންކަމުން ދުރުވަށާއި އެފަދަ ހުރިހާ ހާލަތަކުން ރައްޔިތުން ދުރުވާން އެދޭ" ކަމަށެވެ.

މޭޔަރު ވިދާޅުވީ މިފަދަ ގަރާރެއް ނެރުއްވި މައިގަނޑު ސަބަބަކީ ބެލަކާސްޓްރޯގެ ސިއްހީ ހިދުމަތުގެ ދަތި ހާލު ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމުގެ ގޮތުން ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި އަވަށް އޮތީ އަވަސް ސިއްހީ އެއްވެސް ފަރުވާއެއް ލިބޭނެ ފަދަ ހާލަތެއްގައެއް ނުވެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެލަކާސްޓްރޯ ހިމެނޭ ސަރަހައްދުގައި ހުރި ސިއްހީ ފަރުވޭ ފެސިލިޓީތަކުގެ ތެރެއިން 18 ތަނެއް 2009 އިންް ފެށިގެން ބަންދުކޮށްފަ އެވެ.

އެ އަވަށުގެ ހާލަތު އެގޮތަށް އޮތް އިރު، އަވަށުގައި ދިރިއުޅޭ 1،200 އެއްހާ މީހުންގެ ތެރެއިން ދެބައިކުޅަ އެެއްބައި މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ ނުވަތަ އެ އުމުރާ ގާތްކޮށްފައިވާ މީހުންނެވެ.

މޭޔަރު ވިދާޅުވި ކުއްލި ހާލަތެއްގައި ވެސް ސިއްހީ ފަރުވާއެއް ބޭނުންވެއްޖެ ނަމަ އެކްސިޑެންޓް އެންޑް އިމަޖެންސީ ޑިޕާޓްމަންޓަކާ ހަމައަށް ދާން އެއްގަމުމަގުން ދާން 45 ކިލޯމީޓަރު ނުވަތަ 28 މޭލުގެ ރާސްތާއެއް ކަނޑައްތު ކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް ދޭތެރެ ދޭތެރެއިން ޑޮކްޓަރުން ޒިޔާރަތްކޮށް ސާޖަރީ ހެދުން ފަދަ ކޭމްޕްތައް "ކުޑަ ވަގުތުކޮޅަކަށް" ހިންގަ އެވެ.