Last Updated: April 22, 06:16
Tuesday, April 22, 2025
ޚަބަރު

މަޝްރޫއުތަކަށް ގަނޑުކޮށް ބޮޑުހިލަ ގެންނަނީ

ބޮޑު ހިލަ ނުލިބިގެން ތަރައްގީގެ މަޝްރޫއުތަކެއް ކުރިން ހުއްޓިފައިވާ ކަމަށާއި ނަމަވެސް އެގޮތް ދެން ވިޔަނުދިނުމަށްޓަކައި ގަނޑުކޮށް ބޮޑުހިލަ ގެންނަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގދ. ރަތަފަންދޫގެ ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާމު ވިދާޅުވީ ގިނަ ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ވަނީ ފައިސާގެ އިތުރުން ބޭނުންވާ ތަކެތި ނުލިބުމުގެ ސަބަބުން ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި މަޝްރޫއުތައް ކުރިއަށް ގެންދާ ކުންފުނިތަކާ ބައްދަލުކޮށް މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ގޮތްތަކެއް ރާވާފައިވާ ކަމަށެށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ މިގޮތަށް ހުއްޓިފައި ހުރި ހުރިހާ ރަށަކަށް ބޭނުންވާ ތަކެތި ހަމަކުރަން. ބޮޑު ހިލަ އެންމެ ބޮޑަށް، އެންމެ ގިނަ ރަށްތަކުގައި މަސައްކަތް ހުއްޓިފައި އޮތް ސަބަބަކީ ބޮޑު ހިލަ ނުލިބުން،" ރައީސް ވިދާޅުވި އެވެ. "މިދިޔަ ހަފްތާ ތެރޭގައި އަޅުގަނޑު ހަމަ މިކަމާ ބެހޭ ހުރިހާ ކުންފުނިތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓަރާއި އަދި ކޮންސްޓްރަކްޝަން މިނިސްޓަރާއި އެކީގައި ބައްދަލުވުމެއް ބާއްވާފައި. ގޮތްތަކެއް ރާވަފައިފިން. ހުރިހާ ރަށަކަށް ބޭނުންވާ ބޮޑު ހިލަ ބަލްކުކޮށް ރާއްޖެ ގެންނަން."

ރައީސް މުއިއްޒު ވިދާޅުވީ ބޮ ހިލައިގެ އިތުރުން ރަށް ގިރުމުގެ މައްސަލަ ހައްލު ކުރަން ބޭނުންވާ ތަކެތި ވެސް ނުލިބި އެބަހުރި ކަމަށެވެ. އަދި ނުލިބިގެން އުޅޭ ހިލަ އަކީ ބަނދަރުތަކާއި ރަށް ގިރުމުގެ މައްސަލައިގެ އިތުރުން ބިން ހިއްކުމާއި ތޮށިލުމަށް ބޭނުންވާ ހިލަ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ރަށްރަށުގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ވެސް މިދިޔަ ހަފުތާގައި ހަމަޖައްސައިދީފައިވާ ކަމަށެވެ.

"އެހެންވީމަ މިހާރު ވަނީ ކަންތައްތަކެއް ރޭވިފައި. އެކަން ކުރާނެ ގޮތްތަކެއް. ފައިސާ ވެސް ހަމަޖައްސައި ދީފައި އޮންނާނީ މިދިޔަ ހަފްތާ ހަމަ ނިމުނު ތަނުގައި. އެހެންވީމަ މިގޮތަށް މި ކަންތައްތައް މި ރާވާލީ." ރައީސް ވިދާޅުވި އެވެ.