މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ އާ ޤާނޫނުލް އުޤޫބާތުގެ ބަދަލުގައި، ސުޕްރީމް ކޯޓުގެ ފަރާތުން އެކުލަވާފައިވާ މުޅިން އާ ގާނޫނުލް އުގޫބާތު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.
ސުޕްރީމް ކޯޓުން ޤާނޫނުލް އުޤޫބާތަށް ހުށަހެޅި އިސްލާޙުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު އާ ގާނޫނުލް އުގޫބާތުގެ ބިލެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ޖުޑީޝިއަރީގެ އޮފިޝަލަކާއި ހަވާލާދީ ބައެއް މީޑިޔާތަކުގައިވެސް ރިޕޯޓްކޮށްފައެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުލް އުގޫބަތަކީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފަސް ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 13ވި އާދީއްތަ ދުވަހު އެ ބިލް ތަސްދީގު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އަމަލްކުރަން ފަށާފައިވާ ގާނޫނުލް އުގޫބަތު އެކުލަވާލާފައިވާ ގޮތާމެދު ބައެއް ފަނޑިޔާރުން ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވައެވެ.
ސުޕްރީމް ކޯޓުން ތައްޔާރު ކުރި އާ ޤާނޫނުލް އުޤޫބާތު މަޖިލީހަށް ފޮނުވާފައިވަނީ ގުރައިދޫ ދާއިރާގެ މެންބަރ އިބްރާހިމް ރިޒާ މެދުވެރިކޮށް ކަންވެސް 'އައްޑޫލައިވް' އަށް ވަނީ އެނގިފައެވެ. ސުޕްރީމް ކޯޓުގެ ފަރާތުން، ތައްޔާރުކޮށްފައިވާ އާ ޤާނޫނުލް އުޤޫބާތު މެންބަރ ރިޒާ މެދުވެރިކޮށްމަޖިލީހަށް ފޮނުވާފައިވާއިރު އެބޭފުޅާއަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ތުހުމަތު ކުރެވުނު ވީޑިއޯގެ މައްސަލާގައި ފަނޑިޔާރު އަލީ ޙަމީދުގެ ވަކީލުކަންވެސްް ފާހަގަކޮށްލެވެއެވެ.