Last Updated: February 5, 13:38
Wednesday, February 5, 2025
މުނިފޫހިފިލުވުން

ކާތިކްގެ އާ ފިލްމަށް އަނަންޔާ ނުވަތަ ޝަރުވާރީ

މިދިޔަ މަހުގެ ތެރޭގައި އެކްޓަރު ކާތިކް އާރިއަން ސޮއިކުރި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ގެ ބަތަލާއަކަށް ނަގަން ދެ ތަރިއަކު ޝޯޓްލިސްޓްކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެ ދެ ބަތަލާއިންނަކީ އަނަންޔާ ޕާންޑޭ އާއި ޝަރުވާރީ ކަމަށެވެ. އަނަންޔާ އަކީ ކުރިން ވެސް ކާތިކާ އެކު މަސައްކަތްކޮށްފައިވާ ތަރިއެކެވެ. އެއީ 2019 ގެ "ޕަތީ ޕަތުނީ އޯރް ވޯ" ގަ އެވެ. އަދި އަނަންޔާ އަކީ މިހާރު ދަރުމާ އިން އެންމެ ގިނައިން އޮފާތައް ލިބޭ އެއް ބަތަލާ އެވެ.

އެ ސްޓޫޑިއޯގެ 2019 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ނުކުތް ބަތަލާގެ އަތުގައި މިހާރު ވެސް ދަރުމާގެ ދެ ފިލްމެއް އެބައޮތެވެ. އެއީ ތާރީހީ ފިލްމު "ޝަންކަރާ" އާއި ލޯބީގެ ފިލްމު "ޗާންދު މޭރާ ދިލް" އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2021 ގެ "ބަންޓީ އޯރް ބަބްލީ 2" އިން ބޮލީވުޑަށް ނުކުތް ޝަރުވާރީ އަކީ މިހާރު ބާރަށް ކުރިއަރަމުން އަންނަ ވަރަށް އުންމީދީ ބަތަލާއެކެވެ. އޭނަގެ ތިން ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އިރު، އޭގެ ތެރެއިން ހޮރޯ-ކޮމެޑީ "މުންޖިއާ" އަކީ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.

ޝަރުވާރީ މިހާރު އަންނަނީ އާލިއާ ބަޓާ އެކު ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ "އަލްފާ" ގެ މަސައްކަތް ކުރަމުންނެވެ.

ކާތިކްގެ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އިން ޝަރުވާރީ އަށް ފުރުސަތު ލިބިއްޖެ ނަމަ، މި ފިލްމު ވާނީ ކާތިކާ އެކު އޭނަ ކުޅޭ ފުރަތަމަ ފިލްމަށެވެ.

އަންނަ މެއި މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ކާތިކާއި ކިއާރާ އަދުވާނީގެ 2023 ގެ "ސަތިއަޕްރޭމް ކީ ކާތާ" ގެ ޑައިރެކްޓަރު ސަމީރު ވިދުވަންސް އެވެ. "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު އެވެ.