Last Updated: February 5, 11:54
Wednesday, February 5, 2025
ރިޕޯޓް

ބާލިޣުވުމުގެ ޢަލާމާތްތަކަކީ ކޮބާ؟

ފުރަތަމައީ:

އިންސާނާ އޭނާ އަށް ތަކުލީފު އުފަލަން ޖެހޭ ޢުމުރަށް ފޯރުމުގެ (އެބަހީ: ބާލިޣުވުމުގެ) ޢަލާމާތްތަކުގެ ތެރޭގައި އިސްތަށި ފެޅުމާއި އަދި އެ ނޫން ޢަލާމާތްތައް ވެސް ހިމެނެ އެވެ. ބާލިޣުވުމުގައި އެ ހުރިހާ ޢަލާމާތްތައް އެއްކޮށް ކޮންމެހެން ފެންނަން ޝަރުތުވެގެން ނުވެ އެވެ. އޭގެ ތެރެއިން އެންމެ ޢަލާމާތެއް ވެސް ފިރިހެން ނުވަތަ އަންހެން ކުއްޖެއްގެ ކިބައިން ފެނިއްޖެ ނަމަ، ފަހެ ހަމަކަށަވަރުން އެ ކުއްޖާ ވެގެން ދާނީ އޭނާގެ ޢަމަލުތަކާ މެދު ސުވާލުވެވޭނޭ މުކައްލަފަކަށެވެ.

އައްޝައިޚް އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ: "ފިރިހެން ކުއްޖާ ބާލިޣު ވާނީ ތިން ކަމެއްގެ ތެރެއިން އެއްކަމެއް ހާޞިލުވުމުންނެވެ."

އެ 3 ކަމަކީ:

* (ހިޖުރީ ގޮތުން) ފަނަރަ އަހަރު އެ ކުއްޖާ އަށް ފުރިހަމަވުން
* ކުރިމަތިފަރާތް ވަށައިގެން އިސްތަށި ފެޅުން
* ޝަހުވަތަކާއެކު ހޭލައިހުއްޓާ ނުވަތަ ނިދާފައި އޮއްވާ މަނި ބޭރުވުން

މި ތިން ކަމުގެ ތެރެއިން އެންމެ ކަމެއް ވެސް އިންސާނާގެ ކިބައިން ފެނިއްޖެނަމަ، އޭނާ އެވަނީ ބާލިޣުވެފަ އެވެ. އަދި އަންހެން ކުއްޖާއަށް އެކަންކަމުގެ މައްޗަށް، ހަތަރުވަނަ ކަމެއް އިތުރުވެގެންވެ އެވެ. އެއީ ޙައިޟުވުމެވެ. ފަހެ އަންހެން ކުއްޖާ ޙައިޟުވީ އޭނަ އަށް 10 އަހަރުގައި ކަމުގައި ވިޔަސް، އޭނާ އެ ހުރީ ބާލިޣުވެފައެވެ.”

ދެވަނައީ:

ބާލިޣުވުމުގެ ޢަލާމާތެއްކަމުގައި ބަލާ އިސްތައްޓަކީ ކުރިމަތި ފަރާތުގެ ވަށައިގެން ފަޅާ އިސްތަށްޓެވެ. އެއީ ފިރިހެން ކުއްޖާގެ ޒަކަރު ވަށައިގެން ނުވަތަ އަންހެން ކުއްޖާގެ ފަރުޖު ވަށައިގެން ފަޅާ އިސްތައްޓެވެ. ފަހެ ތުނބުޅިއާއި މަތިމަސް ފެޅި ކަމުގައި ވިޔަސް (ނުވަތަ ކިހިލިފަތްދޮށުގައި އިސްތަށި ފެޅިކަމުގައި ވިޔަސް) ބާލިޣުވީކަމުގައި ނުބެލެވޭނެ އެވެ.

ކުރިމަތިފަރާތް ވަށައިގެން ކޮންމެ ކޮންމެ އިސްތައްޓެއް ފެޅިކަމުގައި ވިޔަސް އަދި ބާލިޣުވީ ކަމުގައި ނުބެލެވޭނެއެވެ. ނަމަވެސް ބާލިޣުވީ ކަމުގައި ބެލެވޭނީ ރޭޒަރަކުން ނުވަތަ އެފަދަ އެއްޗަކުން ބާލަން ޖެހޭ ފަދަ ބޯކޮށް ހުންނަ އިސްތަށި ފެޅުމުންނެވެ. ބާލަން ނުޖެހޭފަދަ ލޯލި ގޮތަށް ހުންނަ އިސްތަށި ފެޅިކަމުގައި ވިޔަސް ބާލިޣުވީކަމުގައި ނުބެލެވޭނެ އެވެ.

އިބްނު ޤުދާމާ رحمه الله ވިދާޅުވެފައިވެ އެވެ.

“އަދި އިސްތަށިފެޅުމާމެދު ދަންނައެވެ. ފަހެ އެއީ ރޭޒަރަކުން އެ ބާލަން ޖެހޭ ވަރަށް، ފިރިހެނާގެ ޒަކަރު ވަށައިގެން ނުވަތަ އަންހެނާގެ ފަރުޖު ވަށައިގެން ބޯކޮށް އިސްތަށި ފެޅުމެވެ. އަދި އެތަނުގައި ލޯލިފަދަ އިސްތަށި ފެޅުމާމެދު ދަންނައެވެ. ފަހެ އެފަދަ އިސްތަށި ފަޅައިގެން ބާލިޣުވި ކަމުގައި ނުބެލެވޭނެއެވެ. ފަހެ އެއީ ބާލިޣު ނުވާ ކުޑަކުދިންގެވެސް އެގޮތަށް ބައެއް ފަހަރު ހުންނާތީއެވެ.”

އަދި ބާލިޣުވުމުގެ ޢަލާމާތްތަކާ ބެހޭގޮތުން އައްޝައިޚް އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ.

“ފިރިހެން ކުއްޖެއް ވިޔަސް ނުވަތަ އަންހެން ކުއްޖެއް ވިޔަސް އެކަމުގައި ބަލާނީ އޭނާގެ ކުރިމަތިފަރާތުގައި ބޯކޮށް ހުންނަ (އެބަހީ: ވަރުގަދަ، ހަރު) އިސްތަށި ފެޅުމަށެވެ. އެގޮތަށް މިދެންނެވީ ލޯލި ގޮތަށް ހުންނަ އިސްތަށްޓާ މެދު ސަމާލުވުމަށެވެ. އެހެނީ 10 އަހަރުގެ ނުވަތަ އެއަށް ވުރެ ހަގު ކުދިންގެ ކުރިމަތިފަރާތުގައި ވެސް މިފަދަ އިސްތަށި ހުރެދާނެ އެވެ.

ނަމަވެސް ބާލިޣުވުމުގެ ޢަލާމާތަކީ ބޯކޮށް ހުންނަ ވަރުގަދަ، ހަރު އިސްތަށިފެޅުމެވެ. އަދި ކުރިމަތިފަރާތުގައި އިސްތަށި ނުފަޅާ، ތުނބުޅި ފެޅި ކަމުގައިވިއަސް، އެއީ ބާލިޣުވެފައި ހުރި މީހެއް ކަމުގައި ނުބެލެވޭނެ އެވެ. އެކަމުގައި ބަލާ މިންގަނޑަކީ ކުރިމަތިފަރާތުގައި އިސްތަށިފެޅުމަށެވެ.”

މަސްދަރު: ދިސަލަފިއްޔާ