Last Updated: February 5, 12:20
Wednesday, February 5, 2025
ދުނިޔެ

މޯދީ ލަންކާ އަށް ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަރަށް އަވަހަށް ސްރީ ލަންކާ އަށް ރަސްމީ ދަތުރެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިކަން ހިއްސާކޮށް ލަންކާގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނީ މޯދީގެ ދަތުރަށް އަދި ވަކި ތާރީހެއް ހަމަޖެހިފައިި ނުވާ ކަމަށެވެ. ނަމަވެސް ތާރީހެއް ކަނޑައެޅުމާ ގުޅޭ މަސައްކަތްތައް ކުރިއަށްދާ ކަމަށް ބުންޏެވެ.

"އެހެންވީމަ ރަނގަޅު ދަނޑިވަޅަކަށް ތާރީހެއް ކަނޑައެޅޭނެ ކަމަށް އުންމީދު ކުރެވޭ." ލަންކާގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންތޯޝް ޖާ ވިދާޅުވި އެވެ.

މޯދީ ލަންކާ އަށް ވަޑައިގަންނަވާ ގޮތަށް މި ހަމަޖެހުނީ މިދިޔަ މަހުގެ ތެރޭގައި ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިޔަސަނަކަ އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރޭގައި މޯދީ ލަންކާ އަށް ވަޑައިގަތުމަށް ދައުވަތު ވެސް ދެއްވާފައި ވަނިކޮށެވެ. މޯދީ އެންމެ ފަހުން ލަންކާ އަށް ވަޑައިގަތީ 2017 ގަ އެވެ. އޭނަ އިންޑިއާގެ ވެރިކަމަށް އެންމެ ފުރަތަމަ 2014 ގައި ވަޑައިގެން 2015 ގެ ތެރޭގައި ވެސް ލަންކާ އަށް ޒިޔާރަތްކުރެއްވި އެވެ.

އިންޑިއާ އަކީ އަބަދު ވެސް ލަންކާގެ ވަރަށް ގާތް ބައިވެރިއެކެވެ. އެގޮތުން 2022 ގެ ތެރޭގައި އެ ގައުމު މާލީ އަދި އިގުތިސާދީ ބޮޑު އަނދަވަޅެއްގެ ތެރެއަށް ވެއްޓުނު ދަނޑިވަޅުގައި އެކި ގޮތްގޮތުން އެންމެ ބޮޑަށް އެހީތައް ފޯރުކޮށް ދިން ގައުމަކީ ވެސް އިންޑިއާ އެވެ.