Last Updated: February 5, 12:20
Wednesday, February 5, 2025
މުނިފޫހިފިލުވުން

އާމިރު ވެސް ސިނގިރެޓް ބުއިން ހުއްޓާލަނީ

ބޮލީވުޑްގެ ތަރި އާމިރު ޚާން ވެސް ސިނގިރެޓް ބުއިން ހުއްޓާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ 59 އަހަރުގެ އެކްޓަރު މި ވައުދުވީ ދޮށީ ފިރިހެން ދަރިފުޅު ޖުނައިދު ޚާން ގާތުގައި ކަމަށެވެ. އެކަމަކު ދުންފަތާ ދުރުވާން އާމިރު ވައުދުވީ ޝަރުތެއްގެ މަތިން ކަމަށްވެ އެވެ. އެއީ ޖުނައިދު ކުޅެފައިވާ ދެވަނަ ފިލްމު "ލަވްޔާޕާ" ހިޓަކަށްވެއްޖެ ނަމަ ސިނގިރެޓް ބުއިން ހުއްޓައިލާ ގޮތަށެވެ.

އަންނަ މަހުގެ 7 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އެ ފިލްމަކީ އާމިރު ޕްރޮޑިއުސްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. "ލަވްޔާޕާ" ގެ ލީޑް ތަރިންނަކީ ޖުނައިދާއި ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު، ހުޝީ ކަޕޫރެވެ. މި ފިލްމު ޑައިރެކްޓްކުރީ އާމިރުގެ 2022 ގެ "ލާލު ސިންގް ޗައްޑާ" ވެސް ހެދި އަދުވައިތު ޗަންދަނެވެ.

"ލަވްޔާޕާ" އަކީ އާމިރު ޕްރޮޑިއުސްކޮށް، ޖުނައިދާ އެކީ މި އަހަރު ގެނެސްދޭން ނިންމާފައިވާ ދެ ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމެވެ. އަނެއް ފިލްމަކީ އަދި ތާރީހު އިއުލާން ނުކުރާ "އޭކް ދިން" އެވެ.

މީޑިއާތަކުން ބުނީ އަންނަ ހުކުރު ދުވަހު ބާއްވާ ހާއްސަ އިވެންޓެއްގައި އާމިރު "ލަވްޔާޕާ" ގެ ޓީޒާ ޓްރެއިިލާ ލޯންޗްކޮށް ދޭނެ ކަމަށެވެ. މިއާ ބެހޭ ގޮތުން މިދިޔަ ހަފުތާގައި އާމިރު ބުނީ ފިލްމުގެ ރަފް ކަޓެއް ބަލާފައިވާ ކަމަށާއި މިއީ ވަރަށް "އެންޓަޓައިނިން" ފިލްމަކަށް ވާނެ ކަމަށެވެ. އަދި "ލަވްޔާޕާ" ގައި ހުޝީ ދައްކުވައި ދީފައިވާ އެކްޓިން އިން ސްރޭދޭވީގެ ހަނދާން ވަރަށް އާވި ކަމަށް އާމިރު ބުނެފައިވެ އެވެ.

މި ފިލްމަކީ ހުޝީގެ ދެވަނަ ފިލްމެވެ. ބަތަލާ ޖާންވީ ކަޕޫރްގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ފުރަތަމަ ފިލްމަކީ 2023 ގައި ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އެވެ. "ލަވްޔާޕާ" އަކީ ޖުނައިދުގެ ވެސް ދެވަނަ ފިލްމެވެ. އޭނަގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "މަހާރާޖް" އެވެ.

ދަރިފުޅުގެ ދެވަނަ ފިލްމު "ލަވްޔާޕާ" ހިޓަކަށްވެއްޖެ ނަމަ އާމިރު ދުންފަތާ ދުރުވާން ނިންމި ވާހަކަ މިހާރު މީޑިއާތަކުގައި ދެކެވޭތީ މިކަމާ ބެހޭ ގޮތުން ރަސްމީކޮށް ހުކުރު ދުވަހު އޭނަ ވާހަކަ ދައްކާނެ ކަމަށް ބެލެވެ އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި، ޝާހްރުކް ޚާން ވެސް މިދިޔަ އަހަރު ވަނީ ސިނގިރެޓް ބުއިން ހުއްޓާލައިފަ އެވެ.