Last Updated: February 5, 20:23
Wednesday, February 5, 2025
ޚަބަރު

އޭޓީއެމްތަކުން ކްރިޕްޓޯ ކަރަންސީ އެކްސްޗޭންޖް ނުކުރެވޭނެ

އޮންލައިން ޓްރޭޑްކޮށްގެން ހޯދާ ކްރިޕްޓޯ ކަރަންސީ ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ އޭޓީއެމްތަކުން އެކްސްޗޭންޖްކުރެވޭ ކަމަށް ދޭހަވާގޮތަށް ދެކެވޭ ވާހަކަތަައް އެ ބޭންކުން މިރޭ ދޮގުކޮށްފި އެވެ.

ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކުގެ ކަސްޓަމަރުންނަށް ޚިދުމަތްދެމުން އަންނަ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކްރިޕްޓޯ އެކްސްޗޭންޖްކުރުމުގެ ޚިދުމަތެއް ނުދޭ ކަމަށެވެ. އަދި އެ ބޭންކްގެ އޭޓީއެމްތަކުން އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓާކާޑުގެ އިތުރުން އެހެނިހެން އިންޓަނޭޝަނަލް ބްރޭންޑްތަކުގެ ކާޑުން މުއާމަލާތް ހިންގޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

"މިފަދަ ބައިނަލްއަޤްވާމީ ކާޑުތަކުން، ކަނޑައެޅިފައިވާ ލިމިޓްތަކެއްގައި ބީއެމްއެލް އޭޓީއެމް މެދުވެރިކޮށް މުއާމަލާތް ކުރެވުނު ނަމަވެސް މި ދެންނެވި ވީޑއޯގައި ބަޔާންކޮށްފައިވާ ގޮތަށް އެއްވެސް ކާޑެއް ބޭނުންކޮށްގެން އެކައުންޓުން 100،000 ޑޮލަރުގެ އަދަދަށްވާ ދިވެހި ފައިސާ އެއްފަހަރާ ނުނެގޭނެ." ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.

ބީއެމްއެލް އިން ވަނީ އެ ބޭންކުގެ އޭޓީއެމް އާއި ލޯގޯ ބޭނުންކޮށްގެން ކަސްޓަމަރުންނަށާއި އާންމުންނަށް އޮޅޭގޮތަށް ކްރިޕްޓޯ އެކްސްޗޭންޖް ކުރުމުގައި ބީއެމްއެލް އިން ޝާމިލުވެ އެކަމަށް މަގުފަހިކޮށްދޭކަމަށް ދޭހަވާ ގޮތަށް މިފަދަ ވީޑިއޯއެއް އާންމުކޮށްފައިވާތީ އެކަން ކުށްވެރިކޮށްފަ އެވެ.