އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ޓޮޓެންހަމް އިން ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
އަންނަ މަހުގެ ހަވަނަ ދުވަހު ލިވަޕޫލްގެ ދަނޑުގައި އެޓީމާއި ދެކޮޅަށް ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ޓޮޓެންހަމަށް ލީގު ކަޕް ފައިނަލުގެ ފުރުސަތު ހޯދޭނެ އެވެ. އެ ޓީމުން އެންމެ ފަހުން ލީގު ކަޕް ފައިނަލެއްގައި 2021 ވަނަ އަހަރު އެވެ. އެ ފަަހަރު މެންޗެސްޓާ ސިޓީ އަތުން ވީ ބައްޔެވެ.
ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ލިވަޕޫލްގެ މުހައްމަދު ސަލާހަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
ދެވަނަ ހާފްގައި ލިވަޕޫލްގެ ޑާވިން ނުނޭޒް ފޮނުވާލި ހަމަލާއެއް ޓޮޓެންހަމްގެ ޒުވާން ގޯލްކީޕަރު އެންޓޮނިން ކިންސްކީ މަތަކުރިއިރު، ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ފޮނުވާލި ބާރު ހަމަލާ ގޯލުގެ ހުރަސް ރޮގުމަތިން ދިފާއުކުރީ ރަޑޫ ޑްރަގުސިން އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ ލޫކަސް ބާގްވަލް އެވެ. އުމުރުން 18 އަހަރުގެ ބާގްވެލް މި ގޯލު ކާމިޔާބުކުރީ ޑޮމިނިކް ސޮލާންކޭ ތަނަވަސްކޮށްދިން ފުރުސަތަކުން ލިވަޕޫލްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
ލީގު ކަޕްގެ އަނެއް ސެމީގެ ފުރަތަމަ ލެގުގައި ނިއުކާސަލް ޔުނައިޓެޑުން ވަނީ 2-0 އިން އާސެނަލް ބަލިކޮށްފަ އެވެ.