ޒަރޫރީ ބޭނުންތަކަށް ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުތަކުން މެޝިނަރީ ބޭނުންކޮށްގެން ގިނަ އަދަދަކަށް ވެލި ނަގާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެންވަރަޔަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނުހަދައި މެޝިނަރީ ބޭނުންކޮށްގެން ވެލި ނަގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ބުނެފި އެވެ.
އެތަނުން ނެރުނު ބަޔާނެއްގައި ބުނީ އާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ މެޝިނަރީ ބޭނުން ނުކޮށް ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުތަކެއް ކަމަށެވެ. ނަމަވެސް އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އެ ސަރަހައްދުތަކުން މެޝިނަރީ ބޭނުންކޮށްގެން ވެލި ނަގަމުންދާ ކަމަށް ބުންޏެވެ.
"މިފަދަ ސަރަހައްދުތަކުން ހެދިފައިވާ އުސޫލުތަކާ ހިލާފަށް ގިނަ އަދަދަކަށް ވެލި ނަގާކަމުގެ ޝަކުވާ މި އެޖެންސީއަށް ދަނީ ލިބެމުން،" އީޕީއޭ އިން ބުންޏެވެ. "މިގޮތުން މެޝިނަރީ ބޭނުންކޮށްގެން ވިޔަފާރި އުސޫލުން އެކިއެކި ބޭނުމަށް ވެލި ނަގަމުންދާކަން ވަނީ މި އެޖެންސީއަށް ފާހަގަވެފައި"
އެތަނުން ބުނީ އީއައިއޭ ރިޕޯޓު ހެދު މާބެހޭ ގަވާއިދުގައި ބުނާ ގޮތުން މެޝިނަރީ ބޭނުންކޮށްގެން އެއްވެސް ބޭނުމަކަށް ރާއްޖޭގެ އަތޮޅަކުން ވެލި ނެގުމާއި ފަޅު ފުންކުރުން ފަދަ ކަންކަން ކުރެވޭނީ އެ އަތޮޅެއްގެ ކައުންސިލާއި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން އެކަމަށް ހާއްސަކޮށް ފަޅެއް ކަނޑައެޅުމަށް ފަހު އެ ސަރަހައްދަކުން ވެލި ނެގުމުން އީއައިއޭ ރިޕޯޓުފުރިހަމަ ކޮށްގެން ކަމަށެވެ.
ބަޔާނުގައި ވަނީ މެޝިނަރީ ބޭނުންކޮށްގެން ވެލި ނަގާ ފަރާތްތަކުން އެ ގަވާއިދާ އެއްގޮތަށް އަމަލު ކުރަން އިލްތިމާސް ވެސް ކޮށްފަ އެވެ.
"އިސްވެދެންނެވުނު ގަވާއިދުތަކާއި އުސޫލާ ހިލާފަށް އަމަލު ކުރާ ފަރާތްތަކާ މެދު މި އެޖެންސީން ފިޔަވަޅު އަޅަމުން ދާނެ ކަމުގައި ވެސް މި ފުރުސަތުގައި ދަންނަވަން." އީޕީއޭ އިން ބުންޏެވެ.