Last Updated: February 5, 14:23
Wednesday, February 5, 2025
މުނިފޫހިފިލުވުން

ކަންގަނާ އަކީ ވަރަށް މޮޅު ޑައިރެކްޓަރެއް: އަނޫޕަމް

"އިމަޖެންސީ" ގެ ޝޫޓިން ތެރޭގައި ކަންގަނާ އާއި އަނޫޕަމް.

ބަތަލާ ކަންގަނާ ރަނާވަތަކީ ވަރަށް މޮޅު ޑައިރެކްޓަރެއް ކަމަށް ތަޖުރިބާކާރު އެކްޓަރު އަނޫޕަމް ކޭރް ބުނެފި އެވެ.

ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ޑައިރެކްޓްކޮށް، ކުޅުނު "އިމަޖެންސީ" ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިރު، މި ފިލްމުގެ ވަރަށް މުހިއްމު ރޯލެއް އަނޫޕަމް ކުޅެފައިވެ އެވެ. ކުރީގެ ބޮޑުވަޒީރު އިންދާރީ ގާންދީ ވެރިލަމުގެ ތެރޭގައި އިއުލާން ކުރި ކުއްލި ހާލަތަށް ބިނާކޮށް ހެދި ފިލްމުގައި އަނޫޕަމް ކުޅެފައި ވަނީ އިންދިރާގެ ވެރިކަމާ ދެކޮޅަށް ނުކުމެ، އެ ވެރިކަން އިންގިލާބަކުން ވައްޓަލައިލުމަށް ހިންގި ހަރަކާތްތަކުގައި އިސްކޮށް އުޅުނު ޖަޔަޕްރަކާޝް ނާރަޔަންގެ ރޯލެވެ.

"އިމަޖެންސީ" ގައި ކުރެވުނު ތަޖުރިބާއާ ބެހޭ ގޮތުން އަނޫޕަމް ބުނީ މި ފިލްމަކީ ހަދަން ވަރަށް އުނދަގޫ ފިލްމެއް ނަމަވެސް ކަންގަނާ ވަރަށް މޮޅު މަސައްކަތެއްކޮށްފައިވާ ކަމަށެވެ.

"ވަރަށް ވެސް މޮޅު ޑައިރެކްޓަރެއް އެއީ. އަހަރެން މިހާތަނަށް މަސައްކަތްކުރި ޑައިރެކްޓަރުންގެ ތެރެއިން އެންމެ މޮޅު އެކަކު އެއީ،" 500 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ އަނޫޕަމް ބުންޏެވެ. "އަނެއްކާ މީގައި އިންދިރާގެ ރޯލު ކުޅެމުން، ފިލްމު ޑައިރެކްޓް ކުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން. އެކަމަކު ކަންގަނާ ވަނީ މޮޅު ފިލްމެއް ހަދަން ވަރަށް ބުުރަ މަސައްކަތްތަކެއްކޮށްފައި."

އޭނަ ބުނި ގޮތުގައި "އިމަޖެންސީ" ވާނީ އިންދިރާގެ ދައުރުގެ ކުއްލި ހާލަތު އެންމެ ސައްހަކޮށް ދައްކުވައި ދޭނެ ފިލްމަށް ކަމަށެވެ.

"ކަންގަނާ މި ފިލްމު ހެދީ ވަރަށް ބޮޑެތި ރިސާޗްކެއް ވެސް ހެދުމަށް ފަހު. އަހަރެން ވަރަށް އުފާ ވެސް ކުރަން އޭނައާ އެކީ މަސައްކަތް ކުރަން ފުރުސަތު ލިބުނީމަ." އަނޫޕަމް ބުންޏެވެ.

ހުނަރުވެރި މޮޅު އެކްޓަރާ ބެހޭ ގޮތުން ކަންގަނާ ބުނީ "އިމަޖެންސީ" ގައި އަނޫޕަމް ކުޅުނު ރޯލަށް އެއްބަސްނުވި ނަމަ މި ފިލްމު ނުހެނެދީސް ކަމަށެވެ.

"އަނޫމަޕް ނޫން މީހަކަށް ޖަޔަޕްރަކާޝްގެ ރޯލު ނުވެސް ކުޅެވޭނެ." ކަންގަނާ ބުންޏެވެ.

މި މަހުގެ 17 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ މި ސިޔާސީ ބައޮގްރަފިކަލް ޑްރާމާގެ ކާސްޓްގައި މަހީމާ ޗައުދަރީ، މިލިންދު ސޯމަން، ޝްރެޔަސް ތަލްޕަޅޭ އަދި މަރުވެފައިވާ އެކްޓަރު ސަތިޝް ކޯޝިކް ހިމެނެ އެވެ.

"އިމަޖެންސީ" އަކީ ކަންގަނާ ޑައިރެކްޓްކޮށް، ކުޅުނު ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ އޭނަ އަށް މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ތިން ވަނަ ފަހަރަށް ލިބުނު 2019 ގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ.