Last Updated: April 22, 06:16
Tuesday, April 22, 2025
ޚަބަރު

އީފާސް މެދުވެރިކޮށް ޕާޓީތަކަށް ވައްދާ ގޮތަށް ހަދަނީ

އީފާސް މެދުވެރިކޮށް އޮންލައިންކޮށް ޕާޓީތަކަށް މީހުން ވައްދާ ގޮތަށް އުސޫލު ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން ބަދަލެއް ގެންނަން ނިންމީ މީސްމީހުންގެ ޒާތީ މައުލޫމާތު ވަގަށް ފިންގަޕްރިންޓް ވެސް ފޯޖްކޮށް ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ބައެއް މީޑިއާތަކަޑް މިއަދި ވިދާޅުވީ އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވައްދާ ގޮތަށް އުސޫލު ބަދަލު ކުރުމަކީ ހައްލަކަށް ވާނެ ކަމަށެވެ. އޭނަ ވިދާޅުވީ މެންބަޝިޕް ފޯމުތަކަށް އެތައް ފީޗާއެއް އިތުރުކުރި ނަމަވެސް ވަގު ފޯމް ހުށަހެޅުން ނުހުއްޓޭ ކަމަށެވެ.

އެހެންވެ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އީފާސް މެދުވެރިކޮށް ޕާޓީއަށް ވައްދާ ގޮތަށް އުސޫލުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އީސީން ބުނީ ވަގު ފޯމް ހުށަހަޅައިގެން 300 އެއްހާ ޝަކުވާ މި ފަހުން ލިބިފައިވާ ކަމަށެވެ. މިފަދަ މައްސަލަތައް ވަނީ ބައެއް ޕާޓީތަކުން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.