Last Updated: February 5, 17:44
Wednesday, February 5, 2025
ޚަބަރު

ރައީސް މަސްވެރިންގެ ހާލު ބައްލަވައިފި

ރައީސް ޑރ. މުއިއްޒު ގއ. ކޫއްޑޫގައި ބަނދަރު ކޮށްފައިވާ ދޯނިތަކަށް އަރުއްވައި، މަސްވެރިންގެ ހާލު ބައްލަވައިފި އެވެ.

ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސް ވަނީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އައްސަވައި، އެ ފަރާތްތަކާއި ވާހަކަދެއްކެވުމަށް ވަގުތުކޮޅެއް ހޭދަކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ 48 ގަޑިއިރު ތެރޭ ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުން، އެކަމުގެ ހިތްހަމަޖެހުން މަސްވެރިން ފާޅުކުރި ކަމަށެވެ. އަދި އޭގެ ސަބަބުން ދިރިއުޅުމަށް ކުރަމުންދާ ހެޔޮ އަަސަރުތަކާއި ގުޅޭގޮތުން ވެސް މަސްވެރިން ވާހަކަދެއްކި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ސަރުކާރު ވެރިކަމަށް އައި އިރު، ރައީސް މުއިއްޒު މަސްވެރިންނަށް ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދަކީ މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެ ވައުދު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ވަނީ ތަންފީޒު ކުރަން ފަށާފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް މަސްވެރިންނަށް 1.18 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ރައީސް ހުވަދު އަށް ކުރެއްވި މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފެށިގެން ކުރިއަށް ގެންދާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.