Last Updated: February 5, 17:44
Wednesday, February 5, 2025
ޚަބަރު

އައްޑޫ ލައސަންސް ޓްރެކް ނިންމަން ބަޔަކާ ހަވާލުކޮށްފި

އައްޑޫ ހިތަދޫގައި ހަދަން ނިންމާފައިވާ ޑްރައިވިން ލައިސަންސް ޓްރެކްގައި ތާރު އަޅަން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ކައުންސިލުން މިއަދު އެ މަސައްކަތް ހަވާލުކުރީ ލަކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެކު އެވެ. މިކަމުގެ އެެއްބަސްވުމުގައި ކައިންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ.

ކައުންސިލުން ބުނީ ލަކްސްއާ ޓްރެކްގައި ތާރު އަޅަން ހަވާލުކުރީ މަސައްކަތް ފަށާތާ 14 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. މި މަސައްކަތަށް 495,000ރ. ހަރަދުވާނެ އެވެ.

ހިތަދޫގައި ޑްރައިވިން ލައިސަންސް ޓްރެކް ހަދަނީ ހިރާ ސްކޫލް ކުރިމަތިން އޮންނަ ބިމުގަ އެވެ. މިހާރުގެ ކައުންސިލުން މި ޓްރެކް އެޅުމާ ގުޅޭ މަސައްކަތްތައް ފެށީ 2022 ގެ ކުރީކޮޅު އެވެ. އޭރު ކައުންސިލުން ބުނީ ޓްރެކްގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ.

އައްޑޫގައި ޑްރައިވިން ލައިސަންސް ޓްރެކެއް ހެދުމުގެ ވާހަކަ އަކީ 2020 އިން ފެށިގެން ދެކެވެމުން އައި ވާހަކައެކެވެ.