Last Updated: February 5, 17:44
Wednesday, February 5, 2025
ދުނިޔެ

ގާޒާގެ ޝަހީދުންގެ އަދަދު 46،000 އިން މައްޗަށް

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި ޝަހީދުވި މީހުންގެ އަދަދު 46،000 އިން މައްޗަށް އަރައިފި އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 46،006 މީހަކު ޝަހީދުވެފައިވާއިރު 109،378 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

އިޒްރޭލުން ހުއްޓުމެއް ނެތި ގާޒާ އަށް ހަމަލާތައް ދެމުން އަންނައިރު ފާއިތުވި 24 ގަޑިއިރުތެރޭ އެކަނި ވެސް 70 މީހަކު ޝަހީދުވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ވަނީ ގޮސްފަ އެވެ. އަދި ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.

ގާޒާގެ ޝަހީދުންގެ އަދަދު 46،000 އިން މައްޗަށް އަރާފައިވާއިރު، އިޒްރޭލުން އަންނަނީ ހުއްޓުމެއް ނެތި ގާޒާގެ އުތުރުގެ ހިސާބުތަކަށް ހަމަލާތައް އަމާޒުކުރަމުންނެވެ.