ބޭރު ފައިސާއާ ބެހޭ އާ ގަވާއިދުގެ ދަށުން ވިޔަފާރިތައް ރަޖިސްޓާކުރުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަށައިފި އެވެ.
އެގޮތުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ ތެރެއިން 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓާކުރަން ވަނީ ހުޅުވާލައިފަ އެވެ.
މަރުކަޒީ ބޭންކުން ބުނީ އާ މި ގަވާއިދުގެ ދަށުން ރިސޯޓުތަކަށް ދެ އޮޕްޝަނެއް ލިބޭނެ ކަމަށެވެ. އެއީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ 20 ޕަސަންޓު ޑޮލަރު މާރުކުރުމެވެ. އަދި ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ އާމްދަނީގެ 20 ޕަސަންޓު ޑޮލަރު މާރުކުރަން ޖެހޭނެ އެވެ.
ވިޔަފާރިތައް ރަޖިސްޓަރީކުރުމަށް އެމްއެމްއޭގެ ވެބްސައިޓުގައި ވަކި ޕޯޓަލެއް ގާއިމުކޮށްފައިވާ އިރު، މި މަހުގެ 1 ގެ ފަހުން ވިޔަފާރި ފަށާ ފަރާތްތަކުން ރަޖިސްޓްރީވާން ޖެހެނީ އެ ވިޔަފާރިއެއް ފަށާތާ 30 ދުވަހުގެ ތެރޭގަ އެވެ. އަދި މިދިޔަ އަހަރު 15 މިލިއަން ޑޮލަރުގެ އާމްދަނީ ލިބުނު ވިޔަފާރިތަކުން އަންނަ މަހުގެ 3 ގެ ކުރިން ރަޖިސްޓާވާން ޖެހޭނެ އެވެ.