Last Updated: February 5, 11:29
Wednesday, February 5, 2025
މުނިފޫހިފިލުވުން

މިއޮތީ "ދަ ރޯޝަންސް" ގެ ޓްރެއިލާ

ބޮލީވުޑްގެ މަޝްހޫރު ތަރި، ރިތިކް ރޯޝަންގެ ފިލްމީ އާއިލާ އަށް ބިނާކޮށް ހަދާފައިވާ ޑޮކިއުމަންޓަރީ ސީރީޒް "ދަ ރޯޝަންސް" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ހަތަރު އެޕިސޯޑްގެ މި ޑޮކިއު-ސީރީޒް ނެޓްފްލިކްސް އިން ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ މި މަ މަހުގެ 17 ގަ އެވެ. ޕްރީމިއާކުރާނެކަން އިއުލާންކޮށްފި އެވެ.

"ދަ ރޯޝަންސް" ގައި އެ އާއިލާގެ ފިލްމީ މަސައްކަތުގެ ވަރަށް ވާހަކަތަކާއި އެ މީހުންގެ އިންޓަވިއުތަކާއި އެ މީހުންނާ އެކީ މަސައްކަތްކުރި ބައެއް ބައެއްގެ އިންޓަވިއުތައް ވެސް ގެނެސްދޭނެ އެވެ، ޓްރެއިލާ އިން ވަނީ ސަންޖޭ ލީލާ ބަންސާލީ އާއި ޕްރިޔަންކާ ޗޯޕްޅާ އާއި އަނިލް ކަޕޫރާއި ޕްރިތީ ޒިންތާ އާއި އަނޫ މަލިކާއި ޖާވިދު އަޚްތަރާއި ޕްރޭމް ޗޯޕްޅާ އާއި ވިކީ ކޯޝަލް ފަދަ ފަންނާނުންގެ ވާހަކަކޮޅުތަކެއް ވެސް ދައްކާލައިފަ އެވެ.

ރިތިކް ބައްޕަ ރާކޭޝް ރޯޝަނަކީ ކުރީގެ އެކްޓަރެއްގެ އިތުރުން ވަރަށް ކާމިޔާބު ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެކެވެ. ރާކޭޝްގެ ކޮއްކޮ ރާޖޭޝް ރޯޝަނަކީ މިހާތަނަށް އެތައް ފިލްމަކަށް މިއުޒިކް ތައްޔާރުކޮށް ދީފައިވާ އެހާމެ ކާމިޔާބު މިއުޒިކް ޑައިރެކްްޓަރެކެވެ. ރާކޭޝް، 75، އާއި ރާޖޭޝް، 69، ގެ ބައްޕަ، ރޯޝަން ލާލް ނާގްރަތަކީ މިއުޒިކް ޑައިރެކްޓަރެކެވެ. އޭނަގެ ކެރިއަރުގައި އެތައް ފިލްމެއްގެ މިއުޒިކް ހަދާފައިވެ އެވެ.

ރޯޝަން ވަނީ އުމުރުން 50 އަހަރުގައި 1967 ގައި މަރުވެފަ އެވެ.

ރޯޝަންގެ އާއިލާގެ ފިލްމީ ލެގަސީގައި މިހާރު އެންމެ އަރާހުރި މީހަކީ ރިތިކް، 50، އެވެ. އޭނަ އަކީ މިހާރު ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ތަރި އެވެ. ރިތިކްގެ އާއިލާ އިން މިދިޔަ އަހަރު ބަތަލާ އަކު ވެސް ބޮލީވުޑަށް ނުކުމެފައިވެ އެވެ. އެއީ ޖޫންގައި ރިލީޒްކުރި "އިޝްގް ވިޝްގް ރީބައުންޑް" އިން ތައާރަފުވި ޕަޝްމީނާ ރޯޝަން، 27، އެވެ. އޭނަ އަކީ ރާޖޭޝްގެ ދަރިއެކެވެ.

"ދަ ރޯޝަންސް" ގެ ޑައިރެކްޓަރަކީ ޝަޝީ ރަންޖަނެވެ.