Last Updated: February 5, 11:46
Wednesday, February 5, 2025
ޚަބަރު

ރާއްޖޭގެ ފޯކްލޯތަކާ އެކު އުރީދޫން ޒަމާނީ ކަލަންޑަރެއް

ރާއްޖޭގައި ކިޔައި އުޅޭ ފުލޯކު ވާހަކަތައް ހިމަނައިގެން އުރީދޫ މޯލްޑިވްސް މި އަހަރުގެ ކަލަންޑަރު ޒަމާނީކޮށް ނެރެފި އެވެ.

"ފިއުޗާ މީޓްސް ނޮސްޓަލްޖިއާ" ނަމުގައި ތައްޔާރުކުރި އެ ކަލަންޑަރު ނެރެދެއްވީ ރޭ ބޭއްވި ހަފުލާއެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.

އުރީދޫގެ ކަލަންޑަރުގައި ދިވެހިންގެ ތެރޭގައި ކުރިން ވަރަށް އާންމުކޮށް ކިޔައި އުޅުނު ފްލޯކް ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި" އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓާ ހިމަނާފައިވެ އެވެ.

ކަލަންޑަރާ ބެހޭ ގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ކަލަންޑަރަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ މުއްސަނދި ސަގާފަތް ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތުގެ ތަޖުސީމެއް ކަމަށެވެ.

"މި ކަލަންޑަރުގައި އަޅުގަނޑުމެންގެ އާދަކާދަތަކާއި ފޯކްލޯގެ ނޮސްޓެލްޖިއާ، ޑިޖިޓަލް އިންޓަރެކްޓިވިޓީއާ އެއްކޮށްލެވިފައިވާ ގޮތުން، އަޅުގަނޑުމެންގެ ތާރީޚީ ވާހަކަތައް ފާހަގަކުރެވި، އަންނަން އޮތް ޖީލުތަކަށް ވެސް މި އަގުހުރި ތަރިކަ ފޯރުކޮށް ދެވޭނެކަން ކަށަވަރުވެގެން ދޭ." އޭނަ ވިދާޅުވި އެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ އުރީދީފެ މި އުފެއްދުންތެރި ކަލަންޑަރަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ތާރީޚުގެ ތެރެއިން އަޅުގަނޑުމެންގެ ކާބަފައިން ވިދާޅުވެފައިވާ ފޯކްލޯ ވާހަކަތަކަށް އައު ދިރުމެއް ލިބިގެންދިޔަ އީޖާދީ މަސައްކަތެއް ކަމަށެވެ.

"އޭއައިއާ އެކު މި ވާހަކަތަކުގައި ހިމެނޭ ކެރެކްޓާސްތަކާ ސީދާ މުޢާމަލާތްކުރުމުގެ ފުރުޞަތު ލިބިގެންދޭ. މިފަދަ އީޖާދީ މަސައްކަތްތަކުން އަޅުގަނޑުމެންގެ ސަގާފަތް ދިރުވައި، ޒުވާނުންގެ ޝައުގުވެރިކަން އިތުރުވެ، ބައިނަލްއަޤްވާމީ މައިދާނުގައި ވެސް ދިވެހި ސަގާފަތް އިތުރު ހަރުފަތަތކަށް އެބަ ގެންދެވޭ،" އޭނަ ވިދާޅުވި އެވެ. "އެހެންކަމުން މިފަދަ އުފެއްދުންތެރި މަޝްރޫޢުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އުރީދޫ އިން ކުރާ މަސަތްކަތްތައް ފާހަގަކޮށް މަރުހަބާ އާއި ޝުކުރު ދަންނަވަން."