ހުޅުމާލެ ފޭސް 2 ގައި ގާއިމްކޮށްފައިވާ 132 ކޭވީގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑާ ގުޅާލުމުގެ މަސައްކަތް ނިންމާލައިފި އެވެ.
ސްޓެލްކޯ އިން މި މަސައްކަތް ނިންމާލާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ސްޓެލްކޯ އިން ބުނީ މި މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި މާލޭގެ 10 ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަންޖެހޭނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު ނަމަވެސް، މޫސުން ތަންދިނުމާއެކު މާލޭގެ 2 ސަރަހައްދަކުން އެއްގަޑި އިރަށް ވުރެ ވެސް މަދު ވަގުތު ކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކަނޑައިގެން މި މަސައްކަތް ނިންމެވިފައިވާ ކަމަށެވެ.
ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާކޮށް، ފުރިހަމަ ކުރުމަށްޓަކައި ކުރެވޭ މިފަދަ މަސައްކަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ސްޓެލްކޯ އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ސްޓެލްކޯ އިން ބުނީ ދެން އޮތީ ފޭސް 2ގައި ގާއިމްކޮށްފައިވާ 11 ކޭވީ ނެޓްވޯކްގެ ކޭބަލްތައް ސަބްސްޓޭޝަނަށް ބަދަލުކުރުން ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މިކަން ކުރިއަށް ގެންދާނެ ކަމަށެވެ.