ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔީ ރާއްޖެ ވަޑައިގެންފި އެވެ.
ވެންޔް ޔީ މިއަދު ރާއްޖެ ވަޑައިގެން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި މަގު ހެދުމުގެ މަޝްރޫއުތައް އަވަސްކުރުމުގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވި އެވެ.
އަދި ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ރައީސް ވަނީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ޗައިނާގެ އެހީއަށް އެދިވަޑައިގަންނަވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވެންގް ޔީ ވަނީ ޗައިނާއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތައް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސަށް ދެއްވާފަ އެވެ.
މީގެއިތުރުން ދެ ބޭފުޅުން ވެސް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެއްބަސްވެވުނު "ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް" އެއްބަސްވުން ތަންފީޒު ކުރުމަށާއި މަލްޓިލެޓަރަލް ޕްލެޓްފޯމްތަކުގައި އެއްބާރުލުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް އެއްބަސްވެވަޑައިގެންފަ އެވެ.