ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ޖުނައިދު ޚާނާއި ޚުޝީ ކަޕޫރްގެ ރޮމޭންޓިކް ކޮމެޑީ "ލަވްޔާޕާ" ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
އަންނަ މަހުގެ 7 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ޖުނައިދުގެ ބައްޕަ އާމިރު ޚާނާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާފައިވާ ފިލްމެކެވެ. ދެ ޒުވާނެއްގެ ލޯބީގެ ވާހަކަ ކިޔައިދޭނެ "ލަވްޔާޕާ" ގެ ޑައިރެކްޓަރަކީ އަދުވައިތު ޗަންދަނެވެ. އޭނަ އަކީ އާމިރުގެ 2022 ގެ "ލާލު ސިންގް ޗައްޑާ" ވެސް ޑައިރެކްޓަރެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ ޖުނައިދާއި ހުޝީގެ ވެސް ދެވަނަ ފިލްމެވެ. ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު އަދި ބަތަލާ ޖާންވީ ކަޕޫރްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހުޝީގެ ފުރަތަމަ ފިލްމަކީ 2023 ގައި ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އެވެ. ޖުނައިދުގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް ގެނެސްދިން "މަހާރާޖް" އެވެ.
ޖުނައިދާ ހުޝީގެ ކެމިސްޓްރީ ކިހިނެއްތޯ ބަލާލަން "ލަވްޔާޕާ" ގެ ޓްރެއިލާ ބަލައިލަމާ ހިނގާށެވެ. ޔަގީނުން ވެސް މިއީ ޝައުގުވެރި ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ. ޓްރެއިލާ އިން ފެންނަ ގޮތުގައި ޒުވާން ދެ ތަރިންގެ ކެމިސްޓްރީ ވެސް ހަމަ ވަރަށް ޗާލެވެ.