Last Updated: February 5, 18:17
Wednesday, February 5, 2025
ޚަބަރު

ރައީސަކީ ޗައިނާއިން އިތުބާރުކުރާ ގާތް ރަހުމަތްތެރިއެއް

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ޗައިނާއިން އިތުބާރުކުރާ ގާތް ރަހުމަތްތެރިއެއް ކަމަށް، އެގައުމުގެ ފޮރިން މިނިސްޓަރު ވެންގް ޔީ ވިދާޅުވެއްޖެ އެވެ.

ވެންޔް ޔީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންނެވިއިރު، ފުރާވަޑައިގަތުމުގެ ކުރިން ވަނީ ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވެންގް ދެއްކެވި ވާހަކަފުޅުގައި ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރަން ރައީސް ދެއްވާ އަހައްމިއްޔަތު ކަމަށް ތައުރީފު ކުރައްވާފަ އެވެ. އަދި ރައީސް މުއިއްޒަކީ ޗައިނާ އިން އިތުބާރު ކުރާ ގާތް ރަހުމަތްތެރިއެއްކަން ފާހަގަކުރައްވަމުން ވެންގް ވަނީ ރައީސްގެ ތަރައްގީގެ ތަސައްވުރަށް ވެސް ތައުރީފު ކުރައްވާފަ އެވެ.

ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީ އަށް ޗައިނާ އިން އެހީ ފޯރުކޮށްދޭނެ ކަމަށާއި އަދި ޗައިނާއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތައް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސަށް ދެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި މަގު ހެދުމުގެ މަޝްރޫއުތައް އަވަސްކުރުމުގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވި އެވެ.

އަދި ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ރައީސް ވަނީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ޗައިނާގެ އެހީއަށް އެދިވަޑައިގަންނަވާފަ އެވެ.