Last Updated: February 5, 18:17
Wednesday, February 5, 2025
ޚަބަރު

ލުބްނާނުގެ އާ ރައީސަށް މަރުހަބާ ދަންނަވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ލުބްނާނުގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ޖޯސެފް އައޫންއަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ރާއްޖެއާއި ލުބްނާނާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަކީ އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ބިނާވެފައިވާ ގާތް ގުޅުމެއްކަން ފާހަގަކުރެއްވި އެވެ. އަދި ދެޤައުމުގެ ދެމެދުގައި ވާ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ.

ލުބްނާނަށް ޞުލްޙަމަސަލަސްކަމާއި އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވުމުގައި ލުބްނާނުގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ޖޯސެފް އައޫންއަށް، ޙިކުމަތްތެރިކަމާއި ކާމިޔާބަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

މީގެއިތުރުން ލުބްނާނުގެ އައު ރައީސް، އައުންއަށް ދުޅަހެޔޮ ޞިއްޙަތެއްގައި ލެހެއްޓެވުމާއެކު، އުފާފާގަތިކަމާއި، ލުބުނާނުގެ އަޚުވަންތަ ރައްޔިތުންނަށް ޞުލްޙަމަސަލަސްކަމާއި ކުރިއެރުން ދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.