Last Updated: February 5, 20:03
Wednesday, February 5, 2025
ޚަބަރު

އަންހެނުން ޢިލްމުވެރި ބަޔަކަށް ހެދީ އިސްލާމް ދީން

އަންހެނުން ޢިލްމުވެރި ބަޔަކަށް ހެދީ އިސްލާމްދީން ކަމަށް އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ) ގެ ދަޢުވަތަކަށް، އިސްލާމީ މުޖުތަމަޢުތަކުގައި އަންހެން ދަރީންނަށް ތައުލީމު ދިނުމާ ބެހޭގޮތުން އިސްލާމްއާބާދުގައި ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުން ޝަހީމް ވިދާޅުވީ އިސްލާމްދީނަކީ އަންހެނުންނާއި ފިރިހެނުންނަށް ޢިލްމު އުނގަންނައިދިން ދީން ކަމަށެވެ.

އިސްލާމްދީނަކީ އިލްމުގެ ދީންކަމާއި އިންސާނީ ޙަޔާތުގެ އަސާސަކީ އިލްމު ކަމަށާއި އިސްލާމް ދީނުގައި ޢިލްމު އުނގަނައިދިނީ ހަމަ އެކަނި ފިރިހެނުންނަށް ނޫންކަމާއި އަންހެނުންނަކީ ވެސް ޢިލްމުވެރި ބަޔަކަށް ހެދީ އިސްލާމްދީން ކަމަށް ޝަހީމް ވިދާޅުވި އެވެ. ކީރިތި ރަސޫލާގެ އަނބިކަނބަލުން ޢާއިޝަތުގެފާނަކީ ޢިލްމުވެރި ނަމޫނާއެއް ކަމަށާއި ރަސޫލާގެ ޙަޔާތްޕުޅުގައި އަންހެނުންނަށް އިލްމު ދެއްވުމަށް ވަކި ވަގުތެއް، އިތުރު އެކަލޭގަފާނު ޚާއްޞަ ކުރެއްވިކަން ސާބިތުވާ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ޝަހީމް ވަނީ އިލްމު ފެތުރުމަށް ރާބިތާއިންނާއި ސައުދީ އަރަބިއްޔާގެ ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޕާކިސްތާނާއި އިސްލާމީ އެންމެހައި ޤައުމުތަކުން އިލްމު ފެތުރުމަށް ކުރައްވާ މަސައްކަތް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ޝަހީމަކީ މުސްލިމު ވޯލްޑް ލީގްގެ ސްޕްރީމް ކައުންސިލްގެ މެންބަރެކެވެ.