Last Updated: February 5, 15:58
Wednesday, February 5, 2025
ޚަބަރު

ފެންބޮޑުވެގެން 46 ގެއަކަށް އެހީ ފޯރުކޮށް ދީފި

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން 46 ގެއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެގެން، ފެން ހިންދުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން، މާލޭގެ 8 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދު ހެނދުނު 6 ޖެހުމާ ހަމައަށް މާލޭގެ މަގުތަކުން 6،835 ޓަންގެ ފެން ހިއްކިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މީގެއިތުރުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން އަންނަނީ މާލޭގެ ދެ ސަރަހައްދެއްގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި ވެސް ހަރަކާތްތެރިވަމުންނެވެ. އެގޮތުން މިހާތަނަށް 46 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެފައިވާއިރު، އއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ވަނީ އޮރެންޓް އެލާޓް ނެރެފަ އެވެ. މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:45 އާއި ހަމައަށެވެ.

އެލާޓް ނެރެފައިވާ ވަގުތުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.