Last Updated: January 12, 23:19
Sunday, January 12, 2025
ޚަބަރު

އާޒިމާއި ޝިފާޒް ވެސް އަލުން އެމްޑީޕީ އަށް

އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ ނަމުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލީ އާޒިމާއި މުހައްމަދު ޝިފާޒް ވެސް އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.

ދެހާސް ތޭވީހުގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބްގެ ރަނިންމޭޓް ހުސައިން އަމްރު ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

ކުރިން އެމްޑީޕީގެ ނައިބު ރައީސްކަން ވެސް ކުރެއްވި ޝިފާޒް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތް އިރު، އޭނަ އަކީ ޑިމޮކްރެޓްސްގެ ނައިބު ރައީސެވެ. އާޒިމް ހުންނެވީ އެ ޕާޓީގެ ކައުންސިލް މެންބަރެއްގަ އެވެ. އޭނަ އަކީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރެވެ.

އެމްޑީޕީއާ އަލުން ގުޅިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ކުރިން އެ ޕާޓީގައި އިސްކޮށް އުޅުއްވި އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ވެސް ހިމެނެ އެވެ. އޭނަ ވެސް އަލުން ޕާޓީއާ ގުޅިވަޑައިގަތީ ޑިމޮކްރެޓްސް ދޫކޮށްލެއްވުމަށް ފަހު އެވެ.

އެމްޑީޕީ އަށް އިއޔެ ސޮއިކޮށްފައިވާ ކަމަށް، ދެ ޕާޓީގެ މަސްދަރުތަކުން ކަށަވަރުކޮށް ދިނެވެ.

މިކަމާ ގުޅޭ ގޮތުން މި ތިން ބޭފުޅުންގެ ރަސްމީ ބަހެއް ނުލިބުނެވެ. ފޯނުން ގުޅުމުން ޖަވާބެއް ނުދެއްވަ އެވެ. ވަޓްސްއަޕްއިން މެސެޖުކުރުމުން އެމްޑީޕީ އަށް ސޮއިކުރިކަން ދޮގެއް ނުކުރެ އެވެ.

ދަ ޑިމޮކްރެޓްސް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީން ދާދި ފަހުން ވަނީ މިހާރުގެ ސަރުކާރު ނިމުމަކަށް ގެންނަން އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރަން ނިންމިކަން ވެސް އިއުލާންކޮށްފަ އެވެ.