ސިނގިރެޓް ބުއިމަކީ ވަރަށް ގަޔާވެގެން ކުރި ކަމެއް ކަމަށާއި އެކަމަކު އެ ގޯސް އާދަ މިހާރު ދޫކޮށްލާފައިވާ ކަމަށް ބޮލީވުޑްގެ ތަރި އާމިރު ޚާން ބުނެފި އެވެ
މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުަގައި 59 އަހަރުގެ އެކްޓަރު ދުންފަތާ ދުރުވާނީ އޭނަ ޕްރޮޑިއުސްކޮށް، ދަރިފުޅު ޖުނައިދު ޚާން ކުޅުނު ފިލްމު "ލަވްޔާޕާ" ހިޓަކަށްވެއްޖެ ނަމަ އެވެ.
ނަމަވެސް އަންނަ މަހުގެ 7 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އެ ފިލްމުގެ ޓްރެއިލާ ލޯންޗްކުރަން އިއްޔެ އިރާކޮޅު ބޭއްވި އިވެންޓްގައި މީޑިއާތަކުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އާމިރު ވަނީ އޭނަ މިހާރު ވެސް އެ އާދަޔާ ދުރުވެއްޖެކަން ކަށަވަރުކޮށް ދީފަ އެވެ.
"ވަރަށް ގިނަ އަހަރުތަކެއް ވަންދެން ސިނގިރެޓް ބުއިމަށް ފަހު، ފަހުން އަހަރެން ޕައިޕް ވެސް ބޭނުން ކުރަން ފެށިން. އަސްލު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އަހަރެން ވަރަށް ގަޔާވި ކަމެއް،" އާމިރު ބުންޏެވެ. "އެކަމަކު މިހާރު އެކަން ހުއްޓާލައިފިން. އެއީ ސިއްހަތަށް ރަނގަޅު ކަމެއް ނޫން."
އޭނަ ބުނި ގޮތުގައި މި ދަނޑިވަޅަކީ ދުންފަތާ ދުރުވާން ވެސް ރަނގަޅު ދަނޑިވަޅެކެވެ. ސަބަބަކީ ދޮށީ ދަރިފުޅު ވެސް މިހާރު ފިލްމީ ކެރިއަރު ފަށާފައިވާތީ އެވެ
"ބައްޕައެއްގެ ހައިސިއްޔަތުން އަހަރެން އެ ގުރުބާނީވެއްޖެއިން. އެހެންވީމާ އޭގެ ހެޔޮ ނަތީޖާ ވެސް ފެންނާނެ ކަމަށް ގަބޫލު ކުރަން،" އާމިރު ބުންޏެވެ. "އަހަރެން ހުރިހާ އެންމެންނަށް ވެސް ބުނެލަން އޮތީ ދުންފަތާ ދުރުވާށޭ. ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނޭ އެއީ."