ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދަން ނިންމާފައިވާ ވެބް ސީރީޒް "ސްޓޫޑެންޓް އޮފް ދި އިޔާ 3" ގެ ބަތަލާއިންނަކީ އަލާޔާ ފަރްނީޗްރުވާލާ އާއި ޝަނާޔާ ކަޕޫރް ރިޕޯޓްތައް ބުނެފި އެވެ.
"އާނކޯ ކީ ގުސްތާން ކިޔާ" ފިލްމަކުން މި އަހަރު ބޮލީވުޑަށް ތައާރަފުވާނެ ޝަނާޔާ އަކީ އެކްޓަރު ސަންޖޭ ކަޕޫރްގެ ދަރިއެކެވެ. އޭނަ އަކީ ސޯނަމް ކަޕޫރާއި އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ އިތުރުން ހުޝީ ކަޕޫރްފެ ކަޒިންއެކެވެ.
ދަރުމާގެ ވެބް ކޮންޓެންޓް ގޮފި، ދަރުމަޓިކް އެންޓައިންމަންޓުން "ސްޓޫޑެންޓް އޮފް އިޔާ 3" ވެން ސީރީޒެއްގެ ގޮތުގައި ހަދަން ނިންމި އިރު، އެ ސްޓޫޑިއޯގެ ފިލްމަކަށް ޝަނާޔާ ކުރިން ވެސް ސޮއިކުރި އެވެ. އެއީ 2021 ގައި އިއުލާންކުރި "ބޭދަޅަކް" އެވެ. ނަމަވެސް އޭގެ މަސައްކަތް ފަހުން ހުއްޓާލައި، އެ ޕްރޮޖެކްޓާ ބެހޭ އެއްވެސް ވާހަކައެއް ދަރުމާ އިން ނުދައްކަ އެވެ.
އަލާޔާ އަކީ ސައިފް އަލީ ޚާންގެ 2020 "ޖަވާނި ޖާނެމަން" އިން ބޮލީވުޑަށް ނުކުތް ބަތަލާއެކެވެ. ޝަނާޔާ ގޮތަށް ފިލްމީ އާއިލާއަކަށް ނިސްބަތްވާ ޒުވާން ބަތަލާ އަކީ ކުރީގެ ބަތަލާ، ޕޫޖާ ބޭދީ ދަރިއެކެވެ. ޕޫޖާ އަކީ މަޝްހޫރް އެކްޓަރު ކަބީރް ބޭދީގެ ދަރިއެކެވެ.
އަލާޔާގެ ދެ ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ. އެއީ "ބަޅޭ މިޔާ ޗޯޓޭ މިޔާ" އާއި "ސްރީކާންތު" އެެވެ.
"ސްޓޫޑެންޓް އޮފް ދި އިޔާ 3" ގެ މަސައްކަތް މި އަހަރު ފަށަން ތައްޔާރީތައްވަމުން އަންނަ އިރު، އަލާޔާ އާއި ޝަނާޔާއާ އެކީ މީގެ ބަތަލުގެ ރޯލުން ފެންނާނެ އެކްޓަރަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. އެކަމަކު މީގެ ޑައިރެކްޓަރަކަށް ރީމާ މާޔާ ވަނީ ހަމަޖައްސައިފަ އެވެ.
"ސްޓޫޑެންޓް އޮފް ދި އިޔާ" ގެ ފުރަތަމަ ދެ ބަޔަކީ ފީޗާ ފިލްމުތަކެކެވެ.
އެގޮތުން ކަރަން ޑައިރެކްޓްކުރި 2012 ގެ ފިލްމަކީ އާލިއާ ބަޓާއި ވަރޫން ދަވަންގެ އިތުރުން ސިދާތު މަލްއުތުރާ ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. ދެހާސް ނަވާރައިގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2" އަކީ އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ ބޮލީވުޑަށް ނެރުނު ފިލްމެވެ. ޓައިގާ ޝްރޮފް ބަތަލުގެ ރޯލު ކުޅުނު ފިލްމު ޑައިރެކްޓްކުރީ ޕުނިތު މަލްއުތުރާ އެވެ.
ދަރުމާގެ އެންމެ ފަހުގެ ވެބް ސީރީޒަކީ މިދިޔަ އަހަރު އަނަންޔާއާ އެކީ އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނެސްދިން "ކޯލް މީ ބޭ" އެވެ. އޭގެ ދެވަނަ ސީޒަނެއްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.