މިރުހަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ގިނަބަޔަކު ހައްދަން އެންމެ ޝައުޤުވެރިވާ ނުވަތަ ހައްދާ އެއް ބާވަތެވެ.
ނަމަވެސް ރާއްޖޭގެ މާހައުލަކީ މިރުސް ހައްދަން އެންމެ އެކަށީގެންވާ މާހައުލެއް ނޫނެއެވެ. އެގޮތުން ހޫނު ގަދަ ވުމުގެ ސަބަބުން ގަސްތައް ހެއްދުމުގައި ގިނަ ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. އެގޮތުން ދަނޑުވެރިން އާންމުކޮށް މިރުސް ހައްދައި އުޅެނީ ފެހި ގެ ނުވަތަ ދާ ޖެހި ކޮށި އަޅައިގެންނެވެ. ނާސަރީ ދާ އަޅައިގެން މިރުސް ހައްދާ އިރު 50-75 ޕަސެންޓްގެ ހިޔާ ފޯރުކޮށްދޭ ކަޅުދާ ނުވަތަ ފެހި ދާ ވެސް ބޭނުން ކުރެވިދާނެ އެވެ.
މުޑުވައް ކުރުން:
މުޑުވަކުގެ ގޮތުގައި މިރުހުން އޮށް ނަގައިގެން ބޭނުންކުރާ އޯޕަން ޕޮލިނޭޓެޑް މިރުހުގައި ހުންނަންވާ ސިފަތައް.
* ބަލިނުޖެހި ޞިއްޙަތު ރަނގަޅުކޮށް ހެދޭ ގަހަކުން ލިބިފައިވާ މިރުހެއް ކަމުގައިވުން
* ގިނައިން މިރުސް އަޅާ ގަހަކުން ލިބިފައިވާ މިރުހަކަށްވުން
* ކުލައާއި، ސައިޒާއި، ރަހައި ގެގޮތުން ފެންވަރު ރަނގަޅު މިރުހަކަށްވުން
* ގަހުގައި އިނދެ ހަރުވެ، ދޮންވެފައިވާ މިރުހަކަށްވުން
* ރަނގަޅަށް އުފެދި ފުރިހަމަވެފައިވާ، ޢައިބެއް ނެތް މިރުހަކަށްވުން
މިރުހުން އޮށް ނަގައި ރައްކާކުރުމުގައި ތިރީގައި މިވާ ކަންތައްތައް ފުރިހަމަވެފައި ހުރުމަކީ މުހިންމު ކަމެކެވެ. މިރުހުން އޮށްތައް ވަކިކުރުމަށްފަހު ނޫސްކަރުދާސްގަ ނޑެއްފަދަ އެއްޗެއްގެ މަތީގައި ފަތުރާލުމަށްފަހު ވައިން ހިއްކާލުމަށްޓަކާ އަވިނުދޭގޮތަށް 3-2 ދުވަސް ވަންދެން ހިޔަލުގައި ބަހައްޓާނީއެވެ.
ނާސަރީ ކުރުން:
މުޑުވައް އޮށް ހޯދުމަށްފަހު ސީޑްލިންގ ޓްރޭގައި ނުވަތަ ފޮށިގަންޑެއްގައި މުޑުވައް ކުރެވިދާނެއެވެ. މުޑުވައްކުރާނީ ބޮނބިކުނޑި ފަދަ ފެން ހިފަހައްޓައިދޭ، ފެން ހިނދޭ އަދި ޖަރާސީމު މަދު އެކުލެވޭ ފަދަ އެއްޗެއްގައެވެ. އޭރުން ޅަ ގަސްތަކުގެ ހެދުން ރަނގަޅުވެ ރޯވުމުގެ ފުރުސަތު ބޮޑުވާނެއެވެ. ފަޅާ ޅަ ގަހުގައި 4 ފަތް ލުމުން 24 އިންޗީގެ ކޮތަޅަށް ބަދަލުކޮށް، ނާސަރީ ނެޓެއްގެ ދަށަށް ލާންވާނެއެވެ. ގަހުގެ ދިގުމުނުން ގާތްގަނޑަކަށް 8 އިންޗި އާއި 12 އިންޗިއާ ދެމެދަށް ހެދިލަންދެން ނާސަރީގައި ގެންގުޅެވޭނެއެވެ. އަދި އެއަށްފަހު ބިމަށް ނުވަތަ ޕޮޓަށް ބަދަލު ކުރާނީއެވެ.
ބިން/ޕޮޓު ތައްޔާރު ކުރުން:
މިރުސް އިންދުމަށްޓައި ދެ ގޮތެއް ހިޔާރު ކުރެވިދާނެ އެވެ. ޒަމާނުއްސުރެ މިރުސް އިންދަމުން އައިސްފައި ވަނީ ސީދާ ބިމުގައި ވަޅު ހަދައިގެންނެވެ. މިގޮތަށް އިންދުމުން މިރުސް ގަހުގެ އުމުރު ދިގުވެ، ގަހުގެ ސައިޒު ބޮޑުވެއެވެ. އަދި ސިއްހަތު ރަނގަޅުކޮށް ހެދޭ ކަމަށްވެސް ފާހަގަ ކުރެވެއެވެ.
ބިމުގައި އިންދުމަށްތަކައި ވަޅު ތައާރު ކުރާނީ 4 ފޫޓުންނެވެ. ދެގަސް ދޭތެރޭގައި 5 ފޫޓު ބަހައްޓާއިރު ދެ ބަރި ދޭތެރޭ 6 ފޫޓު ބެހެއްޓުމުން ރަނގަޅު ވާނެއެވެ. ވަޅު ތައްޔާރު ކުރާއިރު ކޮންމެ ވަޅަކަށް، 4-6 ކިލޯގެ ކާދު އެއްކުރުމުން ރަނގަޅު ވާނެއެވެ. އަދި ކާދުގެ ޚަރަދު ކުޑަކުރަން ބޭނުންނަމަ، ހިކިފަތާއި އެހެނިހެން ގުދުރަތީ ކާނާ، ވަޅުގަނޑުގެ އެންމެ އަޑިއަށް އެޅިދާނެއެވެ.
ޕޮޓުގައި މިރުސް އިންދުމުން ގަހުގެ އުމުރު ކުރެވެ ގަހުގެ ސައިޒު ކުޑަކުރެވެއެވެ. އަދި ކުޑަ ބިންކޮޅެއްގައި ގިނަ ގަސަ ޖަހާލެވި، އެއެއްތަނުން އަނެއް ތަނަށް ބަދަލުކުރަން ފަސޭހަވެއެވެ. ޕޮޓު ތައްޔާރު ކުރާއިރު ވެލި ތައްޔާރު ކުރާނީ 3 ވެއްޔަށް 1 ކާދުގެ މަގުންނެވެ. އަދި ފެން ހިންދުމަށް އެހީތެރިވެދިނުމަށް، ކަށިވެލި ނުވަތަ ބޮނބި ކުނޑި އެއް ކުރެވިދާނެއެވެ.
ބެލެހެއްޓުން:
މިރުހުގެ ބާވަތްތަކުގެ ތެރެއިން ޙާއްސަކޮށް ދިވެހި ގިތެޔޮ މިރުހަކީ ބަލި ގިނަ އެއްޗެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. އެހެންކަމުން ގަސް ހައްދަމުން ދާއިރު، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ފިޔަވަޅު އެޅުން މުހިންމެވެ. އަދި މުސްކުޅި ފަތްތައް ކޮށުމާއި، ފުރަތަމަ ވަރިއަށް މިރުސް އަޅާ ނިމުމުން މުސްކުޅިގޮފިތައް ކޮށުން ރަނގަޅެވެ.
ގަހަށް ކާނާ ދިނުމުގައި ވެސް ނައިޓްރިޖަން ގިނައިން އެކުލެވޭ ކާނާ އަޅާ މިންވަރު ކޮންޓްރޯލް ކޮށް ފެން ދިނުމުގައި ވެސް ތެތްބޮޑުވެ، ފަސްގަނޑު ތަރަވާ މިންވަރަށް ފެން ނުދިނުމަށް ސަމާލުވާން ވާނެ އެވެ.
މައުލޫމާތު: ދަނޑުވެރިޔާ.ގަވް،އެމްވީ