Last Updated: February 5, 17:44
Wednesday, February 5, 2025
މުނިފޫހިފިލުވުން

'އޮ ސާތީ ރޭ' އަށް އަރުޖުން އާއި އަދިތީ

ޑައިރެކްޓަރު އިމްތިއާޒް އަލީ ލިޔެ، ޕްރޮޑިއުސްކުރާ އާ ސީރީޒް "އޮ ސާތީ ރޭ" ގެ ލީޑް ކާސްޓަށް އަރުޖުން ރާމްޕާލާއި އަދިތީ ރާއޯ ހައިދަރީ ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ސީރިޒަކީ ކައިވެނީގެ ބޭރުން ހިންގާ ސިއްރު ގުޅުންތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ވަރަށް އަސަރު ގަދަ ލޯބީގެ ސީރީޒެއް ކަމަށެވެ. ނެޓްފްލިކްސްއާ ގުޅިގެން ހަދަން ނިންމާފައިވާ ސީރީޒްގެ ޑައިރެކްޓަރަކީ އިމްތިއާޒްގެ ކޮއްކޮ ސާޖިދު އަލީ އެވެ.

އޭނަ އަކީ މިދިޔަ އަހަރު ޖޯން އަބްރަހަމް ޕްރޮޑިއުސްކޮށް ގެނެސްދިން ފިލްމު "ވޯ ބީ ދިން ތޭ" ގެ ވެސް ޑައިރެކްޓަރެވެ.

އިމްތިއާޒް އާ ސީރީޒަކަށް ތައްޔާރުވަމުން އަންނަ އިރު، އޭނަ ކުރިން ވެސް ދެ ސީރީޒެއް ލިޔެ، ޕްރޮޑިއުސްކޮށްފައިވެ އެވެ. އެއީ ނެޓްފްލިކްސްގެ "ޝީ" އާއި ސޮނީ ލިވް އެޕްގެ "ޑރ. އަރޯރާ" އެވެ.

"ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" އަދި "ރޮކްސްޓާ" ފަދަ މަގުބޫލުތައް ފިލްމުތައް ގެނެސްދިން އިމްތިއާޒްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "އަމަރު ސިންގް ޗަމްކީލާ" އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނަގެ ކުރިއަށް އޮތް ފިލްމަކީ ދެކުނު އެކްޓަރު ފަހަދު ފާސިލާއު ޓްރިޕްތީ ދިމްރީ ހިމަނައިގެން ހަދާފައިވާ "އިޑިއަޓްސް އޮފް އިސްތަންބޫލް" އެވެ.

އިމްތިއާޒްގެ އާ ސީރީޒް "އޮ ސާތީ ރޭ" އިން އަދިތީ އަށް ފުރުސަތު ލިބުނު އިރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މިދިޔަ އަހަރު ގެނެސްދިން ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" ގައި ހުނަރުވެރި ބަތަލާ މުހިއްމު ރޯލެއް ކުޅެފައިވެ އެވެ.