Last Updated: May 2, 10:39
Friday, May 2, 2025
ޚަބަރު

އައްޑޫ އަނެއްކާ ވެސް "ކަރަންޓަށް ޖެހިފައި"

ރޭ ކަރަންޓް ކަނޑާލުމުން ފޭދޫގެ މަގެއް ކަނު އަނދިރީގައި. ފޮޓޯ/ އިބްރާހީމް ރަޝީދު

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން ބޭނުންކުރާ ޖަނެރޭޓަރުތަކެއްގައި މައްސަލަތަކެއް ޖެހިގެން އަނެއްކާ ވެސް ތަކުރާރުކޮށް ކަރަންޓް ކަނޑަން ފަށައިފި އެވެެ.

ފެނަކަ އިން ބުނެފައިވާ ގޮތުގައި އަވަށްތަކުން ކޮންމެ ދުވަހަކު މިހާރު އެކި ގަޑިތަކުގައި ގަޑިއެއްހާ އިރަށް ކަރަންޓް ކަނޑަން ޖެހިފައި ވަނީ މަރުކަޒީ އިންޖީނުގޭގެ ހަ ޖަނަރޭޓަރަކަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލަތަކަކާ ހެދި އެވެ. އެހެންވެ އެ މައްސަލަ އެއްކޮށް ހައްލު ވަންދެން ވަންދެން ހިތަދު އާއި، މަރަދު އާއި މަރަދޫފޭދޫގެ އިތުރުން ފޭދޫން ހަވީރުން ފެށިގެން އެކި ގަޑިތަކުގައި ކަރަންޓް ކަނޑަމުންދާނެ ކަމަށް ބުންޏެވެ.

ފެނަކަ އިން މައްސަލަ ހައްލުކޮށް، ކަރަންޓްގެ ހާލަތު އާންމު ހާލަތަކަށް ގެންނަން މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކަރަންޓް ކަނޑަމުންދާތީ ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކަނޑަން ޖެހޭ ޒަމާންވެފައިވާ މި މައްސަލަ އަށް މިހާތަނަށް އެކަށީގެންވާ ހައްލެއް ފެނަކަ އަށް ހޯދައި ދެވިފައި ނުވާތީ ވަރަށް ގިނަ ބަޔަކު މިހާރު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ފެނަކަ އަށް ފާޑު ވެސް ކިޔަމުންނެވެ.

މިކަމަކީ އައްޑު އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން މިހާތަނަށް އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ކަރަންޓްގެ ހާލަތު ރަނގަޅުކޮށް ދޭން މަސައްކަތްކޮށްފައި ނުވާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

މިކަމާ ހެދި އައްޑޫ ސިޓީ ކައުންސިލްގެ ފާޑުކިޔުންތައް ވެސް ސަރުކާރަށާއި ފެނަކަ އަށް އަމާޒުވެފައިވެ އެވެ.

ފެނަކަ އިން މިދިޔަ އަހަރު ބުނެފައިވާ ގޮތުގައި އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ލިބޭނީ، ކަރަންޓްގެ ހިދުމަތް ރަނގަޅު ކުރިއަށް ގެންދަން ހަމަޖެހިފައި އޮތް މަޝްރޫއު އެއްކޮށް ނިމުމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވެ އެވެ.

ޗައިނާގެ ޑޮންފަންގް އިލެކްޓްރިކާ ހަވާލުކުރި މަޝްރޫއު ނިމުމުން އައްޑު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20-25 އަހަރަށް ހައްލުވާނެ ކަމަށް ފެނަކަ އިން ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ 1ކޮމެންޓް

ނހަިއ

އޯއި! މައު