މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް" ގެ ވިމެންސް އެޑިޝަން މި ފަހަރު އައްޑޫގައި ބާއްވަން ނިންމައިފި އެެވެ.
ކޮންފަރެންސް އޮންނާނީ މި މަހުގެ 25 ގަމުގެ އީކުއޭޓަ ވިލެޖްގަ އެވެ.
"މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް" އަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސް އަލަށް ފުރަތަމަ ބޭއްވީ މިދިޔަ އަހަރު މާލޭގަ އެވެ.
މަޓާޓޯ އާއި ބިޒިނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އާއި އެމްއެމްޕީއާރްސީ އާއި އައްޑޫ ސިޓީ ކައުންސިލާއި ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ އެކި ޖަމިއްޔާތަކާ ގުޅިގެން ބާއްވާ ކޮންފަރެންސްގައި ފައިނޭންޝަލް ލިޓްރަސީއާ ގުޅޭ ސެޝަންތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.
ކޮންފަރެންސްގައި ކީނޯޓް ސްޕީކަރުންގެ ގޮތުގަ އާއި ޕެނަލިސްޓުންގެ ގޮތުގައި ވެސް ވާހަކަ ދައްކާނީ އަންހެން ބޭފުޅުން ކަމަށް މަޓާޓޯ އިން ބުންޏެވެ.
މި ފަހަރުގެ ކޮންފަރެންސްގެ ޓޮޕިކްތަކުގެ ތެރޭގައި އައްޑޫގެ އަންހެނުންނަށް ހުރި ފުރުސަތުތަކާއި، ރިސޯޓްތަކުގައި އަންހެނުން މަސައްކަތް ކުރުމާ މެދު މުޖުތަމައު ދެކޭ ގޮތް ފަދަ މައުޟޫތައް ހިމެނެ އެވެ.
މަޓާޓޯ އިން ބުނީ "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް" ގެ މައިގަނޑު މަގުސަދަކީ ޓޫރިޒަމް ދާއިރާގައި އަންހެނުންނަށް ކުރިމަތިވާ ހުރަސްތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، އެހީތެރިކަން ފޯރުކޮށްދޭ އަދި ހަމަހަމަ މާހައުލެއް ގާއިމުކުރުމަށް ބޭނުންވާ ސްޓްރެޓެޖީތައް ދެނެގަތުން ކަމަށެވެ.