Last Updated: February 5, 17:44
Wednesday, February 5, 2025
ޚަބަރު

ކޯހަކަށް އަންހެން ފުލުހަކު ދުބާއީ އަށް ފުރައިފި

ޕޮލިސިން އިނޮވޭޝަން އެންޑް ލީޑަޝިޕް ކޯހެއްގައި ބައިވެރިވުމަށް އަންހެން ފުލުހަކު ދުބާއި އަށް ފުރައިފި އެވެ.

ދުބާއި ޕޮލިހާއި ރޮޗެސްޓަ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، ދުބާއިން އިންތިޒާމުކޮށްގެން ބާއްވާ "ޕްރޮފެޝަނަލް ޑިޕްލޮމާ އިން ޕޮލިސިން އިނޮވޭޝަން އެންޑް ލީޑަޝިޕް" ކޯހުގައި ބައިވެރިވުމަށް ދިޔައީ ކޮންސްޓަބަލް އާމިނަތު މުޝްރިފާ އެވެ.

މި ކޯހަކީ ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ ރެސިޑެންޝަލް ތަމްރީނު ޕްރޮގްރާމެއް ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.

މީގައި ބައިވެރިވާ ފަރާތްތަކަށް ޒަމާނީ އުކުޅުތަކާއި، ލީޑަޝިޕް ހުނަރުތައް އަދި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ކުރިއެރުން ގެނެސްދޭނެ އައު ވިސްނުންތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެއެވެ. ކޯހުގައި 8 އެކަޑަމިކް މޮޑިއުލް އާއި 5 ޓެކްޓިކަލް މޮޑިއުލް ހިމެނެ އެވެ.

ހަތަރު މަސްދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފަކަށް ލިބުނު ފުރަތަމަ ފަހަރެވެ.ކޯސް ފެށޭނީ މި މަހުގެ 13 ގަ އެވެ. އަދި ކޯސް ނިމޭނީ މެއި 10 ގަ އެވެ.

މި ކޯހުގެ އެކަޑަމިކް މޮޑިއުލްތަކުގެ ތެރޭގައި އެކުވެރި އަރަބި އިމާރާތުގެ މުޖުތަމައާއި ޤާނޫނު ތަންފީޒުކުރުން، އަލަށް ތައާރަފުވަމުން އަންނަ ޓެކްނޮލޮޖީތައް، ފުލުހުންގެ ލީޑަޝިޕް އަދި އިނޮވޭޝަން، ސްމާޓް ސިޓީތަކުގައި ފުލުހުންގެ ހިދުމަތް ދިނުން، އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން ފަދަ މުހިންމު މޮޑިއުލްތައް ހިމެނެ އެވެ. މީގެ އިތުރުން ޓެކްޓިކަލް މޮޑިއުލްތަކުގެ ތެރޭގައި ހަތިޔާރު ބޭނުން ކުރުމާއި، ހާދިސާތައް މެނޭޖްކުރުމާއި، ކްރައިސިސް ނެގޯޝިއޭޝަން ފަދަ އަމަލީ ތަމްރީނުތައް ހިމެނެ އެވެ.